10 Oct 2013, 15:20
މަސައްކަތުގެ މާހައުލަށް ބޭނުންވާ ތަފާތު ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުން ކުރިއަށްގެންދާ "އެޕްރެންޓިސް ޕްރޮގްރާމް" ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓްދީ 24 ކުދިންނާ އެކު އާ ޕްރޮގުރާމް ފަށައިފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ވަނީ އެއް އަހަރާއި ދެ އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޕްރޮގުރާމްގެ ތެރެއިން އެއް އަހަރު ދުވަހުގެ ޕްރޮގުރާމް ނިންމި 13 ކުދިންނަށާއި ދެ އަހަރު ޕްރޮގުރާމް ނިންމި 13 ކުދިނަށް ސެޓްފިކެޓް ދީފައިވެ އެވެ. އެ ކުދިންނަށް އެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދިރާގުގެ އިސްވެރިންނެވެ. އަދި މިއަހަރުގެ އެ ޕުރޮގުރާމްގައި އަލަށް 24 ކުދިން ބައިވެރިވެ އެވެ. އެއީ މާލެއިން 19 ކުދިންނާއި އަތޮޅުތެރެއިން ފަސް ކުދިންނެވެ.
އެހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗެއާޕާސަން އާތިފް ޝަކޫރު ވިދާޅުވީ ވަޒީފާ ލިބުން ދަތި މިއަދުގެ މުޖުތަމައުގައި ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސް ޕްރޮގްރާމަކީ ކުދިން ވަޒީފާގެ މާހޯލަށް ތައްޔާރުވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި އެ ޕްރޮގުރާމްގައި ބައިވެރިވެވޭ ކުދިންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ.
ދިރާގުން ކުރިއަށް ގެންދާ އެޕަރެންޓިސްޝިޕް ޕްރޮގުރާމަކީ 2009 ވަނަ އަހަރުން ފެށިގެން އޭލަވަލް ނިންމާ ޒުވާނުން ވަޒީފާ އަށް އަހުލުވެރި ކުރުމުގެގޮތުން ދިރާގުން އެކިއެކި އޮފިސްތަކުން ހިންގާ ޕުރޮގުރާމެއް ކަމަށެވެ. އެގޮތުން މިހާތަނަށް އެޕުރޮގުރާމްއިން 86 ދަރިވަރަކު ތަމްރީނުކޮށްފައިވެ އެވެ.