10 Oct 2013, 15:17
ނ. މާފަރުގައި ޑޮމެސްޓިކް އެއާޕޯޓަކާއި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން އަށް ފަރާތަކުން ޝައުގުވެރިކަންފާޅުކޮށްފި އެވެ.
އެ މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރަށުގައި ޑޮމެސްޓިކް އެއާޕޯޓަކާއި ކަނޑައަޅާ ވަކި ރަށެއްގައި ރިސޯޓެއް ތަރައްގީކުރަން ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ހުޅުވާލައި ޝައުގުވެރިކަން ހުށަހެޅުމަށް ދިން މުއްދަތު މިއަދު މެންދުރު 2.00 އަށް ހަމަވިއިރު ކުރިމަތިލީ އަށް ފަރާތަކުން ކަމަށެވެ.
މާފަރުގައި އެއާޕޯޓެއް ހެދުމަށް މި އަހަރުގެ ކުރީކޮޅު ހުޅުވާލުމުން އެކަމަށް ދެ ފަރާތަކުން ކުރިމަތިލި އެވެ. ނަމަވެސް ކުވޭތުގެ އިންޓަނޭޝަނަލް ހޮލްޑިން އާއި ރާއްޖޭގެ އައި އެންޑް ޓީ މެނޭޖްމަންޓުން އެކަމަށް ހުށަހެޅި ޕްރޮޕޯސަލް ވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ.
އެ އޮފިޝަލް ވިދާޅުވީ އެ ރަށުގައި އެއާޕޯޓް ހެދުމަށް ހުށަހެޅި ޕްރޮޕޯސަލްތައް އަންނަ ހަފުތާގެ ތެރޭގައި އިވެލުއޭޓްކުރަން ފަށާނެ ކަމަށެވެ.
"މިއަދަށް ފަހު އަނެއްކާ ވެސް ބޮޑު ބަންދެއް މިއަންނަނީ. އެކަމަކު އަޅުގަނޑުމެން ވަރަށް އަވަހަށް އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށް ފަހު ޝަރުތު ހަމަވާ ފަރާތްތަކަށް އާރުއެފްޕީ ހުށަހަޅަން ދައުވަތު ދޭނަން. އަޅުގަނޑުމެން ބޭނުން މިކަން ވަރަށް އަވަހަށް ކުރިޔަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.
އެ ރަށުގައި އެއާޕޯޓެއް ތަރައްގީކޮށް ހިންގުމަށް 2008ގައި ނޫނު ހޮޓެލްސްއާ އެކު ހެދި އެއްބަސްވުން އުވާލައި އެއާޕޯޓެއް ތަރައްގީކޮށް ހިންގުމުގެ ފުރުސަތު ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ 4 ގަ އެވެ. އެގޮތަށް ނިންމީ އެއާޕޯޓް އެޅުން ލަސްވެގެންނާއި އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ ރަށު ރައްޔިތުން މުޒާހަރާކޮށް، ސަރުކާރަށް ޕްރެޝަރުކޮށްފައި ވަނިކޮށެވެ. އެ މުޒާހަރާއާ ގުޅިގެން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ވަގުތީ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ނާޒިމް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައިވެ އެވެ.
ނޫނު ހޮޓެލްސް އަށް މާފަރު އެއާޕޯޓް ތަރައްގީކުރަން ކުރިން ހަވާލުކުރީ އޭގެ ބަދަލުގައި ރިސޯޓެއް ހަދަން ރަށެއް ދީގެންނެވެ. އެ ރަށުގެ އެޑްވާންސް ކުއްޔަށް ހަތް މިލިއަން ޑޮލަރު ވެސް ވަނީ ދައްކާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.