މަޝްހޫރު ދީނީއިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު 11:00 އަށް ޝެޑިއުލްކުރި ހުމާމްގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ ދައުލަތުން ހުށަހެޅި ހެކީން ކޯޓަށް ހާޒިރުނުކުރެވޭތީ ކަމަށެވެ.

އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި ބައެއް ހެކީން ވަނީ ހުމާމްއާ ދެކޮޅަށް ހެކިބަސްދީފަ އެވެ.

ހުމާމް ހައްޔަރު ކުރުމަށް ފަހު އަތޮޅުވެއްސަށް ގެންގޮސް އޭނަގެ މޯބައިލް ފޯން ޗެކްކުރި އިރު "ކޮބާ ލާރި ކޮޅު" އެކަހަލަ ގޮތަކަށް ލިޔެ މީހަކަށް ފޮނުވާފައި އޮތް އެސްއެމްއެސް އެއް ފެނުނުކަމަށް ފުލުހަކު ވަނީ ހެކިބަސްދީފަ އެވެ.

ހެކިބަސް ދެމުން ދެ ފުލުހަކު ބުނެފައި ވަނީ ހުމާމް އަކީ ކުރިން ވެސް ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހެއް ކަމަށާއި ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލި ރޭ ހައްޔަރު ކުރި އިރު އާދަޔާ ޚިލާފު ކަންތައްތަކެއް އޭނާގެ ފަރާތުން ފެނުނު ކަމަށެވެ.

އެ ދެ މީހުން ބުނީ ހުމާމް ހުރީ ބިރުގެންފައި ކަމަށާއި އޭނާގެ އަތްވެސް ބިރުން ތުރުތުރު އަޅަމުން ދިޔަ ކަމަށެވެ. އެވަގުތު އޭނާ ހުރީ ވަރަށް ބޮޑަށް ދާހިއްލާފައި ކަމަށް ވެސް ހެކިބަސް ދެމުން އެ ދެ މީހުން ބުންޏެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހުމާމްގެ އިތުރުން ދައުވާ ކޮށްފައި ވަނީ ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށެވެ.

އަފްރާޝީމް އަވަހަރާކޮށްލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ އިތުރު ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

އެ ހަތަރު މީހުންނަކީ ހ.ހިލްޓަން، އަޒުލީފް ރައޫފް 28، އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި، މ. ޖަރީމާގޭ އަބްދުﷲ ޖާވިދު 36، އާއި ހަމައެގޭ ޝާހިން މުހައްމަދު 38، އަދި ލ. ގަން ތުނޑި، ނޫއަލި، އާދަމް ސަލާޙް 33 (ސްޕައި) އެވެ.