ރިޔާސީ އިންތިހާބަށް ފަހު އިންތިހާބު ކުރެވޭ ރައީސުލްޖުމްހޫރިއްޔާ އަކު މަގާމުގެ ހުވާކުރައްވަން ދެން މީޑިއާ ސްޓޭޝަންތަކުގެ ސެކިއުރިޓީ ބަލަހައްޓައި ދެއްވުމަށް މީޑިއާ ކައުންސިލުން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.

މީޑިއާ ކައުންސިލްގެ ރައީސް ހުޝާމް މުހައްމަދު މިއަދު ވިދާޅުވީ އެކަމަށް އެދިވަޑައިގެން މިއަދު ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށް ސިޓީއެއް ފޮނުއްވީ ސިޔާސީ ގޮތުން ރާއްޖޭގެ މަޝްރަހު ހަލަބޮލިވެގެންދާ ކޮންމެ ފަހަރަކު މީޑިއާތަކަށާއި ނޫސްވެރިންނަށް އެކިކަހަލަ ހަމަލާތައް އަމާޒުވަމުން ދާތީ ކަމަށެވެ.

"ކުރިއަށް އޮތީ ރިޔާސީ އިންތިހާބު އެހަންކަމުގަވާ އިރު އިންތިހާބު ކުރެވޭ ރައީސަކު ހުވާކުރައްވަންދެން އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މީޑިއާތަކުން އަދާކުރަމުން ގެންދާނީ ގައުމީ ވާޖިބެކޭ. އެހެންވެ ނޫސްވެރިންނަށް މީޑިއާގެ މިނިވަންކަން އެބަލިބިދޭން ޖެހޭ. އެހެންވެ ބިރުވެރިކަމެއްގައި ތިބެގެން ޒިންމާ އަދާކުރެވޭނެ ގޮތަކަށް ނޫން މީޑިއާތައް އޮންނަން ޖެހޭނީ،" ހުޝާމް ވިދާޅުވި އެވެ.

މީޑިއާ ކައުންސިލުން ސީޕީ ރިޔާޒަށް މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މީޑިއާތަކުގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކަށް ބިރުވެރިކަމެއް ނެތި މިނިވަންކަމާ އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެކައުންސިލުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ރޭޑިއޯ އާއި ޓީވީ ސްޓޭޝަންސްތައް އަދި ނޫސް އިދާރާތަކަށް ފުލުހުންގެ ފަރާތުން ރައްކާތެރިކަން ދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ވެސް އެސިޓީގައިވެ އެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ޓީވީ އާއި ރޭޑިއޯ ސްޓޭޝަންތައް އަދި ނޫސް އިދާރާތައް ހިމެނޭ ސަރަހައްދުގެ ބެލެހެއްޓުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށާއި އެ ސްޓޭޝަނެއްގައި ނުވަތަ ނޫސް އިދާރާއެއްގައި ފުލުހުން ތިބެގެން ސެކިއުރިޓީ ބަލަހައްޓަން ޖެހިއްޖެ ހާލަތެއްގައި އެކަން ކޮށްދިނުމަށް މީޑިއާ ކައުންސިލުން އެދިފައިވެ އެވެ.