ގާނޫނު އަސާސީއާ ހިލާފަށް ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ދަށަށް އިލެކްޝަންސް ކޮމިޝަނަށް ގެންދިޔަ ކަމަށް ބުނެ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ރިޔާސީ އިންތިހާބު ބޭއްވުން ސުޕްރީމް ކޯޓުން ފަސްކުރުމަށް އަމުރުކޮށްފައި ވަނިކޮށް، ސެޕްޓެމްބަރު 27، 28 ވަނަ ދުވަހު ގާނޫނު އަސާސީއާ ހިލާފަށް ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ދަށަށް އިލެކްޝަންސް ކޮމިޝަން ގެންދިޔަ ކަމަށް ބުނެ މައްސަލައެއް އިއްޔެ އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް އެ އޮފީހުން ބުނެފައެއްނުވެ އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ ގާނޫނު އަސާސީ 223 ވަނަ މާއްދާގެ ހ. އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ ފ. ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ގާނޫނު އަސާސީގެ އެންމެހައި ހަމަތަކާއި ގާނޫނާއި އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަށް ޓަކައި އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތި، ޕީޖީގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަން އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ކަމަށެވެ.

އެ އޮފީހުން ބުނީ އެ މައްސަލައަކީ ސަލާމަތީ ބާރުތަކުން ގާނޫނު އަސާސީއާ ހިލާފަށް، އެ ގާނޫނު އަސާސީގެ ދަށުން އެކުލެވިފައިވާ މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ، އެ މައްސަލައާ ގުޅިގެން އެ ކޮމިޝަނާ މަޝްވަރާކޮށް ޕީޖީ އޮފީހުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަނީ ކުރަމުން ކަމަށެވެ.