ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު ރަމިރޭސް ހޯދުމަށް ރެއާލް މެޑްރިޑުން ފާރަލަމުން އަންނަ ކަމަށް މިޑީއާ ރިޕޯޓްތަކުން ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލް އިން ވަނީ ރަމިރޭސްގެ އެޖެންޓުންނާ ވާހަކަ ދައްކާ، އޭނާގެ ކުޅުމާ މެދު ރެއާލްއިން ޝައުގުވެރިވާކަމަށް ބުނެފަ އެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެތެރޭގައި ރަމިރޭސް ގެންދިއުމަށް ރެއާލްއިން އޭނާއަށް 15 މިލައަން ޕައުންޑަށް ވުރެ ބޮޑު އަގެއް ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރެއާލްގެ ކޯޗް ކާލޯ އަންޗެލޮއްޓީ ބުނީ، ރަމިރޭސް އަކީ ހިތްވަރު ކުރާ މޮޅު ކުޅުންތެރިއެއް ކަމަށާއި ރަމިރޭސް ކަހަލަ މޮޅެތި ކުޅުންތެރިންނަށް ރެއާލްއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

"އަހަރެން ޗެލްސީއަށް ކޯޗްކޮށްދިން ދުވަސްވަރު ރަމިރޭސްގެ ފަރާތުން ފެނިފައި ވަނީ މޮޅު ކުޅުމެއް. މިހާރުވެސް ރަމިރޭސް އަކީ މޮޅު ކުޅުންތެރިއެއް. ރެއާލްއިން ރަމިރޭސްއަށް މަރުހަބާ ކިޔާނަން" އަންޗެލޮޓީ ބުންޏެވެ.

ރަމިރޭސްގެ އިތުރުން ރެއާލްއިން ދެންހޯދުމަށް މަސައްކަތް ކުރާ ކުޅުންތެރިންގެ ތެރޭގައި ޓޮޓެންހަމްއަށް މިހާރު ކުޅެމުން އަންނަ ބްރެޒިލްގެ ޕައުލީނިއޯ ހިމެނޭ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.