ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕުރީމް ކޯޓްގައި ޝަރީއަތް ހިންގުމަށް މިއީ އެންމެ ރަނގަޅު ދަނޑިވަޅުކަމަށް ގަބޫލް ނުކުރާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓަލުގައި ޕީޕީއެމުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު ދުންޔާ މައުމޫނު ވިދާޅުވީ ރައީސް ނަޝީދު އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕުރީމް ކޯޓަށް ހުށައަޅަފައިވާ މައްސަލައަކީ ޕީޕީއެމް އިން ހުށައެޅި މައްސަލައެއް ނޫން ކަމަށާއި އެއީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބުރާހީމް އަމިއްލަ ހައިސިއްޔަތުން ހުށައަޅާފައިވާ މައްސަލައެއް ކަމަށެވެ.

"މިއީ އެންމެ އެކަށީގެންވާ ވަގުތެއް ނޫން ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިއުމަކަށް،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދާ މެދު ޝަރީއަތް ހިންގަންޖެހޭނެ ކަމަށް ޕީޕއެމް އިން ގަބޫލް ކުރާ ކަމަށާއި ނަމަވެސް މިއީ އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށެވެ. އަދި ރައީސް ނަޝީދާ ނުލާވެސް ރާޢްޖޭގައި ވާދަވެރި އިންތިހާބެއް ބޭއްވިދާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.

ސަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދުންޔާ ވިދާޅުވީ އެ މައްސަލަ ނެގުމަށް ވަހީދު އާ ޕީޕީއެމް އިން މަޝްވަރާ ކުރާނެ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބުރާހީމް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމާވާ ބޭފުޅެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.