ރާއްޖެ ޓީވީގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމުގެ މައުލޫމާތު ސަން އަށް ކަށަވަރުވީ ނަމަވެސް އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އެނގިފައެއް ނުވެ އެވެ.

ހަ މީހުންގެ ގުރޫޕަކުން ރާއްޖެ ޓީވީ ހިންގާ އިމާރާތުގެ ތެރެއަށް ވަދެ އެތަނުގައި ހުރި މޭޒުތަކުގެ މައްޗަށް ޕެޓްރޯލް އަޅާލުމަށް ފަހު އެތަނުގައި ރޯކޮށްލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ރާއްޖެ ޓީވީން ވަނީ އާންމުކޮށްފަ އެވެ.

ރާއްޖެ ޓީވީ ހިންގާ އިމާރާތުގައި ރޯކޮށްލި މައްސަލަ ފުލުހުން ވަނީ ކުށްވެރިކޮށްފަ އެވެ. ފުލުހުން ބުނީ އެ އަމަލު ހިންގި މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ފުލުހުން ކުރާނެ ކަމަށެވެ.

ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލައާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ފުލުހުންނަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.