10 Oct 2013, 14:08
މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓްލުމަށް ޓަކައި ރީ ރަޖިސްޓްރީ ކުރަން ބޭނުންވާ މީހުންނަށް ޕާސްޕޯޓާއި ލައިސަންސް ކާޑު ބޭނުންކޮށްގެން ވެސް ރީ ރަޖިސްޓްރީ ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައި މިވަނީ މިއަދު އައިޑީ ކާޑު ހެއްދުމަށް ޓަކައި ގިނަ އަދަދެއްގެ ބަޔަކު ޑީއެންއާރަށް ޖަމާވެފައިވަނިކޮށެވެ.
އަދި އައިޑީ ކާޑު ހެއްދުމަށް ޓަކައި ގިނަ ބަޔަކު ޑީއެންއާރަށް ގޮސްފައި މިވަނީ ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިރޭ 12:00 އަށް ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކެރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ މުއްދަތް ހަމަނުވާ ޕާސްޕޯޓް ނުވަތަ މުއްދަތު ހަމަނުވާ ލައިސަންސް ކާޑު ބޭނުންކޮށްގެން ވެސް ރީ ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.
"ރީ ރަޖިސްޓްރީ ކުރުމަށް ޓަކައި އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިވާ ނަމަ މުއްދަތު ހަމަނުވާ ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑު ބޭނުން ކޮށްގެން ވެސް ރީރަޖިސްޓްރީ ކުރެވޭނެ." އާސިމް ވިދާޅުވި އެވެ.
މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓް ލާން ބޭނުންވާ މީހުންނަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވަނީ އެއް ދުވަހުގެ މުއްދަތެވެ. އެއީ އިއްޔެ އިރުއޮއްސީ 6:00 އިން ފެށިގެން ރޭގަނޑު 12:00 އަށް އަދި މިއަދު ހެނދުނު 9:00 މިރޭ 12:00 އަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.