10 Oct 2013, 13:59
މި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމަށް ޓަކައި އައިޑީކާޑު ހައްދާ މީހުން ގިނަވެ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އަށް ބާރުބޮޑުވެއްޖެ އެވެ.
އައިޑީ ކާޑު ހެއްދުމަށް ގިނަ އަދަދެއްގެ ބަޔަކު ޑީއެންއާރް އަށް ޖަމާވެފައި މިވަނީ މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓް ލުމަށްޓަކައި ރީރަޖިސްޓްރީ ކުރުމުގެ ވަގުތު މިރޭ 12،00 އަށް ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވާތީ އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ޑީއެންއާރްގެ ޑިރެކްޓާ ފަރީދާ ޔޫސުފް ވިދާޅުވީ މިއަދު އައިޑީ ކާޑު ހެއްދުމަށް އެ ޑިޕާޓްމެންޓަށް އައިސްފައި ތިބި މީހުންގެ އަދަދު އެހެން ދުވަސްތަކާ އަޅާބަލާ އިރު ގިނަ ކަމަށެވެ. އެގޮތުން މިއަދު އެ ޑިޕާޓްމެންޓުން ހިދުމަތް ދޭން ފެށީއްސުރެ ގިނަ އަދަދެއްގެ މީހުން ކިޔު ހަދާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ހިދުމަތް ދޭން ފެށީއްސުރެން ފެށިގެން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އައިޑީ ކާޑު ހެއްދުމަށް އައިސްފައި. އެގޮތުން އެހެން ދުވަސްތަކުގައި ނަންބަރު ނަގާ އަދަދަށް ވުރެ އިތުރަށް ނަންބަރު ނަގާފައި އެބަވޭ. އަދި އަޅުގަނޑުމެން ނަންބަރު ދޫކުރަމުން މިދަނީ،" ފަރީދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދުގެ 2 ޖެހުމާ ހަމަ އަށް އައިޑީ ކާޑު ހެއްދުމަށް ހަށަހަޅާފައިވާ ހުރިހާ މީހުންނަށް މިއަދު އައިޑީ ކާޑު ހަދައިދޭނެ ކަމަށެވެ. އަދި މިއަދުން މިއަދަށް އެ ހުރިހާ މީހުންނަށް ވެސް އައިޑީ ކާޑު ދޫކުރާނެ ކަމަށް ވެސް ފަރީދާ ވިދާޅުވި އެވެ.
ފަރީދާ ވިދާޅުވީ މިއަދު 2 ފަހުން ވެސް އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިވާ އަދި ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހަކު އައިޑީ ކާޑު ހެއްދުމަށް ހުށަހަޅައިފި ނަމަ އެ މީހަކަށް އެ ހިދުމަތެއް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއްވެސް މީހަކަށް ވޯޓް ލުމުގެ ހައްގު ގެއްލިގެން ނުދާނެ ގޮތަކަށް ހިދުމަތް ދިނުމަށް އެ ޑިޕާޓްމެންޓުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ފަރީދާ އިތުރަށް ވިދާޅުވީ ބަންދު ދުވަސް ތަކުގެ ތެރެއިން ތިން ދުވަހު އެ ޑިޕާޓްމެންޓުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 13، 16 އަދި 17 ވަނަ ދުވަހު 1،30 އިން ހަވީރު 5،00 އަށް ހިދުމަތް ދޭނެ ކަމަށެވެ.