10 Oct 2013, 13:21
ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް މަދުވި 10،000 ވޯޓް މިހާރު ހޯދިފައިވާ ކަމަށާއި ކޮންމެ ދުވަހަކު އިންތިހާބު ބޭއްވިއަސް އެމްޑީޕީން އިންތިހާބު ކާޔާބުކުރާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
ފ. އަތޮޅު މަގޫދޫގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ 30 އަހަރު ތަރައްގީނުވެ ރާއްޖެ އޮތީ ސަރުކާރު އުފެދުމުގައި ރައްޔިތުންގެ ބައިވެރިވުން ނެތުމުން ކަމަށާއި އޭރު ވޯޓު އޮޅުވާލުމާއި ވަކި ނަތީޖާއެއް ނެރެމުން ގެންދިޔައީ ރަށްރަށުގައި ސަރުކާރުގެ މީހުން ބައިތިއްބައިގެން ކަމަށެވެ.
ނަޝީދު ވިދާޅުވީ އޭރު ސަރުކާރުގެ ކަންކަން އިންތިޒާމްވެފައި އޮތީ މަދު ބަޔަކަށް ފައިދާވާ ގޮތަށް ކަމަށާއި ނަމަވެސް އެމްޑީޕީން އެކަންކަން ބަދަލުކޮށް މިދިޔަ މަހުގެ 7 ވަނަ ދުވަހުގެ މިރާއްޖޭގައި ބޭއްވި އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ނެގުނު އެންމެ އިންސާފުވެރި ވޯޓު ކަމަށެވެ. އެ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލްކުރީ ގާނޫނީ އެއްވެސް ހުއްޖަތެއް އޮވެގެން ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ސަރުކާރެއް އުފެއްދުމަށް ބޭނުންވަނީ ރައްޔިތުން ވޯޓުލުމުގެ ހައްގު. ސުޕްރީމް ކޯޓު ބާތިލްކޮށްފައި ވަނީ ރައްޔިތުންގެ ނިންމުމެއް. އިންސާފްވެރި ގޮތެއްގައި އިންތިހާބު ނުބޭއްވިގެން ވެސް ނޫން." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން ދަނީ އިންތިހާބު ބާތިލްކޮށް ހުދުމުހުތާރު އުސޫލުތައް ދެމެހެއްޓުމަށް ކަމަށާއި އަދި ސަލާމަތީ ބާރުތަކަށް އެންމެ މަތީ ވަލީ ހަވާލުކުރުމަށް ކަމަށެވެ. ނަމަވެސް އެމްޑީޕީން ނިކުމެ ތިބީ އެކަން ހުއްޓުވައި، ރައްޔިތުންނަށް ވޯޓު ދިނުމުގެ ހައްގު ހޯދައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.