ކުރިއަށް އޮތް އީދު ބަންދާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން ކަނޑުމަތީގެ ރައްކާތެރިކަމަށް ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކޮށްފި އެވެ.

ކޯސްޓްގާޑުން މިއަދު ބުނެފައިވާ ގޮތުގައި އީދު ބަންދާ ދިމާކޮށް ރާއްޖޭގެ އެކި ތަންތަނަށް ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރު ކުރެއްވުމަށާއި ދަތުރުވެރިން ދަތުރުކުރާ އުޅަނދުފަހަރަކީ ދަތުރުކުރުމަށް ސަލާމަތްތެރި އަދި ރައްކާތެރި އުޅަނދެއްތޯ ބެލުމަށް ފަހު ދަތުރުފެށުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.

ކޯސްޓްގާޑުން ބުނެފައި ވަނީ ދަތުރުކުރާ އުޅަނދުގައި ހަމަޔަޔަށް ލައިފްޖެކެޓް، ދިޔަ ހިއްކާނެ ޕަންޕު، މުވާސަލާތީ ސެޓް، ހުރީ ބޭނުންކުރެވޭ ފަދަ ހާލަތުގައިތޯ ބެއްލެވުމަށް އުޅަނދުފަހަރުގެ ނެވިންނަށް އިލްތިމާސް ކުރާކަމަށެވެ. އަދި ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ އެންމެހާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ހުއްދަދެވިފައިވާ ވަރަށް ދަތުރުވެރިން އުފުލުމާއި ދަތުރުކުރާ މީހުންގެ ތަފްސީލާއި އަދަދު ބަލައި ޗެކްކުރުމަށް ވެސް ކޯސްޓުގާޑުން ވަނީ އުޅަނދުފަހަރުގެ ނެވިންނަށް އިލްތިމާސްކޮށްފަ އެވެ.

ކޯސްޓްގާޑުން އިތުރަށް ބުނެފައި ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން އުޅަނދުފަހަރު ކޯސްޓްގާޑުން ބަލައި ޗެކްކުރަމުން ގެންދާކަމަށާއި ނެވިންގެ ފަރާތުން މިކަމަށް އެއްބާރުލުން ދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.