10 Oct 2013, 12:55
ލ. ދަނބިދޫ އިންޖީނުގޭގެ ފައިސާތަކެއް ބޭންކަށް ޖަމާކުރަން ދަނިކޮށް އެފައިސާތައް ފޭރިގެން ކަމަށް ބުނެ ރިޕޯޓްކުރި މިހާ އާ އެކު އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ބުނީ މިދިޔަ އަންގާރަ ދުވަހު މެންދުރުގެ ވަގުތެއްގައި ދަނބިދޫ އިންޖީނުގޭގެ ފައިސާތަކެއް ޖަމާކުރަން ދަނިކޮށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ގޮސް އެ ފައިސާތައް ފޭރިގަން ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅީ ފައިސާތައް ޖަމާކުރަން ހިފައިގެން ދިޔަ އިންޖީނުގޭ މުވައްޒަފެއް ކަމަށެވެ.
އެގޮތުން އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއްގެ އިތުރުން 30 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ލ. ގަމުގައި އުޅެނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ފައިސާތަކުގެ ތެރެއިން -/5000 ރުފިޔާ އާއި -/27000 ރުފިޔާގެ ޗެކްތަކެއް ފުލުހުން ވަނީ ހޯދައިފަ އެވެ. އެ ފައިސާތަކާއި ޗެކްތައް ފެނިފައި ވަނީ ފައިސާތައް ހޯދުމަށް ޓަކައި ފުލުހުން ކުރަމުން ދިޔަ މަސައްކަތުން ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން މީހެއްގެ ގޭ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ފައިސާތައް ބެންކަށް ޖަމާކުރަން ދަނިކޮށް ފޭރިގަނެފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު ނަމަވެސް އެމައްސަލައަކީ ފޭރުމުގެ މައްސަލައެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.
މި މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި 19 އަހަރުގެ އަންހެން މީހާގެ ބަންދަށް 15 ދުވަސް އަދި 18 އަހަރުގެ މީހާއަށާއި 22 އަހަރުގެ މީހާގެ ބަންދަށް ވެސް 15 ދުވަސް އަދި 30 އަހަރުގެ ބަންދަށް ހަތަރު ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ.