28 Nov 2010, 11:08
ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމުތުގައި ޑީއާރުޕީގެ ނާއިބު ލީޑަރު އަލީ ވަހީދާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ޕީޖީ ހުށަހެޅުއްވި ދައުވާ އަނބުރާ ނަންގަވައިފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ދެންމެ ވިދާޅުވީ އެ މައްސަލަ އަނބުރާ ނެންގެވީ "މިވަގުތު އެ މައްސަލަ ކުރިއަށް ގެންދިއުމުގައި ވިސްނަން ޖެހޭ ކަންތައްތަކެއް ހުރުމުން" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ މައްޗަށް އުފުލާފައިވާ ދައުވާ ޕީޖީ އަނބުރާ ނެންގެވީ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތު 24 ގަޑިއިރަށް ކުޑަތަންވެފައި ވަނިކޮށެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ކަނޑައަޅައި އެ ބޭފުޅުންނަށް ޗިޓް ފޮނުވައިފައި ވަނީ މާދަމާ އަޑުއެހުމެއް އޮންނަ ގޮތަށެވެ.
އެ ދެބޭފުޅުން ވެސް ކުރިން ވިދާޅުވަފައި ވަނީ ކޯޓަށް ހާޒިރުވުމަށް އަންގާފައި އޮތީ މި އަހަރު ކުރީކޮޅު ޑީއާރްޕީން ކުރި މުޒާހަރާއެއްގައި މުލީއާގޭ ދޮށަށް އެއްވި މައްސަލައާ ގުޅިގެން ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި އެ ބޭފުޅުންނާ ގުޅޭ އިތުރު އެއްވެސް މައްސަލައެއް އުޅޭ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ދެ ބޭފުޅުން ވިދާޅުވި އެވެ.
"ހާޒިރު މިކުރަނީ މުލީއާގޭ ކައިރީ[ގައި ކުރި މުޒާހަރާއާ] ގުޅިގެންހެން އަޅުގަނޑަށް ގަބޫލުކުރެވެނީ. އެއީ އޭރު އަޅުގަނޑު ހަނދާން އެބަވޭ ފުލުސް އޮފީހަށް ގެންދިޔަ މަތިން. ދެން އަޅުގަނޑުމެން އޭރު ހަނުހުރުމުގެ ހައްގު ބޭނުންކުރީ. ދެން އޭގެ ފަހުން އެއްވެސް ޚަބަރެއް ނުވެ އޮވެފައި ކުއްލިއަކަށް މިއައީ ޗިޓު،" މަހްލޫފް މި މަހު 23ގައި ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ، އެއީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޑީއާރްޕީގެ މެމްބަރުންނަށް ބިރުދެއްކެވުމަށް ކުރައްވާ ކަމެއް ކަމަށެވެ. ނަމަވެސް، ޑީއާރްޕީ މައިތިރި ކުރުމަށްޓަކައި ބިރުގެންނެވުމުގެ އުސޫލުން ރައީސް ނަޝީދު ކުރައްވާ އެއްވެސް ކަމެއްގެ ސަބަބުން މުޒާހަރާ ނުކޮށް ނުތިއްބަވާނެ ކަމަށާއި އެފަދަ އެއްވެސް ކަމަކާ ބިރު ނުގަންނަ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
އަލީ ވަހީދު ވެސް ވިދާޅުވީ، މިއީ ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކުރުމަށް ސަރުކާރުން ހިންގި އަމަލެއް ކަމަށެވެ. ނަމަވެސް، އެގޮތަށް ނުފިއްތޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.