ސަރުކާރުގެ މަގާމުން ވަކިވެފައިވާ މީހުންގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓްތައް ސިސްޓަމުން ކެންސަލްކޮށްފައިވާ ކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން މިއަދު ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު މަގާމުން ވަކިވެފައިވާ ބޭފުޅުންގެ ޕާސްޕޯޓް އިމިގްރޭޝަން ސިސްޓަމުން ޑިއެކްޓިވޭޓް ނުވަތަ ކެންސަލް ކޮށްފައިވާ ކަމަށެވެ.

"ވީމާ، މިފަދަ ބޭފުޅުންނަށް ދޫކުރައްވާފައިވާ ޕާސްޕޯޓް ކެންސަލް ކުރުމަށް އިމިގްރޭޝަނަށް ހުށަހެޅުމަށް ދެންނެވީމެވެ. އަދި ޑިއެކްޓިވޭޓް ކޮށްފައިވާ ޕާސްޕޯޓްގައި ދަތުރުކުރުމުގެ ސަބަބުން ރާއްޖެއާއި ރާއްޖެ އިން ބޭރުގައި ދިމާވެދާނެ މައްސަލައަކަށް ނުވަތަ ލިބިދާނެ ގެއްލުމަށް މިޑިޕާޓްމަންޓުން ޒިންމާނުވާނެ ވާހަކަ ދެންނެވީމެވެ." އެ ޑިޕާޓްމަންޓުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

މަގާމުން ވަކިވެފައިވާ ފަރާތްތަކުގެ އެ ޕާސްޕޯޓްތައް ކެންސަލްކުރި އިރު ބައެއް ފަރާތްތަކުން އެ ޕާސްޕޯޓް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ޝަކުވާ ޕީޕީއެމް އިން ވަނީ އުފުލައިފަ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ (ޓީވީމުއާ) ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ގިނަ ދިވެހިންތަކަކަށް، ބޮޑެތި ހާއްސަ އިނާޔަތްތަކެއް ލިބޭ ޑިޕޮލޮމެޓިކް ޕާސްޕޯޓްތަކެއް ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ޕާސްޕޯޓްތަކުގެ އެހީގައި އެފަރާތްތަކުން މިހާރު ރާއްޖޭގެ އަގު ވައްޓާލުމަށް ބޭރުގެ ގައުމުތަކުގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަމަށް މުއާޒް ވިދާޅުވި އެވެ.

"ރާއްޖެ ބަދުނާމުކޮށް އަދި ބޭރުގެ ގައުމުތަކުގައި ރާއްޖެއާއި އިދިކޮޅަށް މުޒާހަރާ މިކުރަނީ ދިވެހި ސަރުކާރުން ދޫކޮށްފައި އޮންނަ ޑިޕުލޮމެޓިކް ޕާސްޕޯޓް ބޭނުންކޮށްގެން،" މުއާ ވިދާޅުވި އެވެ.