މެކްސިކޯގެ އޯޒަކާގައި ހުންނަ ކްލިނިކަކަށް ފަރުވާ ހޯދުމަށާއި ދަރިފުޅު ވިއްސަން ދިޔަ މާބަނޑު އަންހެނަކަށް ފަރުވާ ދިނުމަށް އެއަވަށުގެ ކްލިނިކުން ދެކޮޅު ހެދުމުން ކްލިނިކްގެ ބޭރުގައި ހުއްޓާ އެއަންހެން މީހާ ވިހައިފި އެވެ.

މިމަހުގެ ދެ ވަނަ ދުވަހުގެ ހިނގި ހާދިސާ ފެންމަތިވެފައި ވަނީ މެކްސިކޯގެ އޯޒަކާގައި ހުންނަ ހެލްތު ކްލިނިކްގެ ކުރިމަތީގައި އޮންނަ ވިނަގަނޑުގެ މައްޗަށް އަންހެން މީހާ ވިހާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުވެގެން ދިއުމުން ނެވެ. މިފޮޓޯ އިން ފެންނަނީ ކަކޫ މައްޗަށް ތިރިވެފައިވާ އަންހެން މީހާ ވިހާފައިވާ ދަރިފުޅު ވިނަގަނޑު މައްޗަށް ވެއްޓިފައިވާ އިރު، އަންހެން މީހާ ރޮމުންދާ މަންޒަރެވެ.

އެ މައްސަލާގައި މެކްސިކޯގެ މީޑިއާތަކުން ބުނެފައި ވަނީ މި އަންހެން މީހާ އަށް ފަރުވާ ދޭން ކްލިނިކުން ދެކޮޅު ހަދާފައި ވަނީ އެއަންހެން މީހާއަކީ މެކްސިކޯގައި އެންމެ ކުރިން ދިރިއުޅުނު ދަރިކޮޅުގެ މީހަކަށް ވުމުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޮޓޯ އިން ފެންނަ އަންހެން މީހާއަކީ އުމުރުން 29 އަހަރުގެ އާމާ ލޯޕޭޒް އެވެ. އާމާ އަދި އޭނާގެ ފިރިހެނުންނަކީ މެކްސިކޯގެ މަޒަޓެކް ދަރިކޮޅަށް ނިސްބަތްވާ ދެމީހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިނގިރޭސިވިލާތުގެ ޑެއިލީ މެއިލަށް ދިން އިންޓަވިއުއެއްގައި އާމާ ލޯޕޭޒް ބުނީ އޭނާއާ ފިރިމީހާ ކްލިނިކަށް ދިޔުމުން ވިހަން އަދި ތައްޔާރުވެފައިނުވާ ކަމަށާއި ބަނޑަށްވީ އެންމެ އަށް މަސް ކަމަށް ބުނެ ނަރުހުން އެދެމަފިރިން ކްލިނިކުން ބޭރުކުރީ ކަމަށެވެ.

އަދި ދަރިފުޅު ވިހި ފަދަ ނިކަމެތި، ލަދުވެތި ގޮތަކަށް އެކަން ކުރަން ބޭނުން ނުވާ ކަމަށް އާމާ ބުންޏެވެ.

"މިގޮތަށް ދަރިފުޅު ވިހާކަށް އަހަރެން ބޭނުމެއް ނުވޭ. އެކަންވީ ވަރަށް ލަދުވެތި ގޮތަކަށް. އަދި އެހާ ތަދުވި" އާމާ ބުންޏެވެ.

އާމާ ބުނީ އޭނާ ދިރިއުޅޭ ގެއިން ކްލިނިކަށް އައުމަށް ގަޑިއިރެއް ވަންދެން ފިރިމީހާ އާ އެކު ހިނގާފައިވާ ކަމަށާއި ކްލިނިކަށް ގޮސްފައި ވަނީ ބަނޑުގައި ރިއްސަން ފެށުމުން ކަމަށެވެ.

އާމާ ލޯޕޭޒްގެ ދަރިފުޅު ވިހާފައި ވަނީ ކްލިނިކުން ބޭރުކޮށްލިތާ ދޮޅު ގަޑިއިރު ފަހުން ކްލިނިކްގެ ކުރިމަތީގައި އޮންނަ ބަގީޗާއެއްގެ ވިނަގަނޑުގެ މައްޗަށެވެ.

އޯޒަކާ ކްލިނިކްގެ ނަރުހުން ބުނީ އެ މައްސަލައަކީ ވާހަކަ ދެއްކުމުގައި ދިމާވި މައްސަލައެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށެވެ. މިގޮތުން އާމާ ލޯޕޭޒް އާއި އޭނާގެ ފިރިމީހާއަށް ވެސް މެކްސިކޯގައި އާއްމުކޮށް ބޭނުންކުރަމުން އަންނަ ސްޕެނިޝް ބަސް ނޭނގޭ ކަމަށް ނަރުހުން ބުނެ އެވެ.

މެކްސިކޯގެ ސަރުކާރުން ވަނީ މިމައްސަލައާ ގުޅިގެން އެކުލިނިކްގެ ޑިރެކްޓާ ޑރ. އެޑްރިއާން ކުރޫޒް ސަސްޕެންޑުކޮށް މިމައްސަލަ ތަހުގީގުކުރަން ފަށާފަ އެވެ.