10 Oct 2013, 12:11
"ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް" ޕާކިސްތާނުގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް މުހައްމަދު އާސިފް ސަންދިލާއަށް ރައީސުލްޖުމްހޫރިއްޔާ އަރުވައިފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ އިއްޒަތް، އެޑްމިރަލް މުހައްމަދު އާސިފް ސަންދިލާއަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޑ) އިން ގާނޫނުގައިވާ ގޮތުގެ މަތިން އިނާމާއި، ލަގަބާއި، ޝަރަފާއި، މެޑެލް އެކިފަރާތްތަކަށް ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
އެޑްމިރަލް މުހައްމަދު އާސިފް އަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް" ރައީސުލްޖުމްހޫރިއްޔާ އެރުވީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، އެމަނިކުފާނު ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ސުނާމީ ކާރިސާ ހިނގިއިރު، އެޑްމިރަލް ސަންދިލާ ހުންނެވީ ރާއްޖެއަށް އެކުވެރިކަމުގެ ދަތުރެއްގައި އައި ޕާކިސްތާނުގެ ދެ މަނަވަރު ކަމުގައިވާ ޕީއެންއެސް ޠާރިޤްއާއި، ޕީއެންއެސް ނަސްރުގެ ކޮމާންޑަރެއްގެ ގޮތުގައެވެ. ޕާކިސްތާނުގެ މި ދެ މަނަވަރަކީ ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން އެންމެ ބޭނުންވި ވަގުތު އެންމެ ފުރަތަމަ އެހީތެރިކަން ފޯރުވައިދިން ދެ މަނަވަރެވެ. އެ ހާދިސާގައި ހާލުގައި ޖެހުނު ދިވެހިންނާއި، ބޭރުގެ ޓޫރިސްޓުން ސަލާމަތް ކުރުމުގައި، އެޑްމިރަލް މުހައްދު އާސިފް ވަނީ އިސްނެންގެވުމާއި ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާއެއް ދައްކަވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ކާރިސާގައި ރާއްޖެއަށް އެހީތެރިކަން ފޯރުވައިދިނުމުގައި، އެޑްމިރަލް ސަންދިލާ ވަނީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތުގެ ބޭރުންވެސް އެހީތެރިކަން ދެއްވައި، ދެގައުމުގެ ދެމެދުގައިވާ ގާތް އުޚުއްވަތްތެރި ކަމުގެ ގުޅުން ހާމަކޮށްދެއްވާފައި ކަމުގައި ވިދާޅުވިއެވެ. އަދި މިއަދުގެ މި ރަސްމިއްޔާތަކީ، އެޑްމިރަލް ސަންދިލާގެ އެ ޚިދުމަތުގެ ހަނދާން އާކޮށް، ޝުކުރު އަދާކުރެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއް ކަމުގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެޑްމިރަލް މުހައްމަދު އާސިފް ސަންދިލާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ދައުލަތުގެ އިއްޒަތް އެމަނިކުފާނަށް އެރުވިކަމަށްޓަކައި ދިވެހި ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއީ އެމަނިކުފާނަށާއި، ޕާކިސްތާން ނޭވީއަށާއި، މުޅި ޕާކިސްތާނަށްވެސް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެއް ކަމުގައި ވިދާޅުވިއެވެ.
އެޑްމިރަލް މުހައްމަދު އާސިފް ސަންދިލާގެ ވާހަކަފުޅުގައި ސުނާމީ ކާރިސާ ހިނގި ވަގުތާއި އަދި އޭގެފަހުންވެސް ދިވެހި ސަރުކާރާއި، އެމްއެންޑީއެފް އާއި އަދި ދިވެހި ރައްޔިތުންވެސް ދައްކައިދީފައި ވަނީ ވަރަށް ފާހަގަކޮށްލެވޭ ހިތްވަރެއް ކަމުގައި ވިދާޅުވިއެވެ.
މިއީ، ދިވެހި ދައުލަތުގެ އިއްޒަތެއް ޕާކިސްތާނުގެ ރައްޔިތަކަށް އެރުވި ފުރަތަމަ ފަހަރެވެ. ސުނާމީ ކާރިސާގައި އޭރު ރާއްޖޭގައި ތިބި ފަރަންސޭސިވިލާތުގެ ފަތުރުވެރިން ސަލާމަތްކުރުމުގަޔާއި، ބޭނުންވާ އެހީތެރިކަން ފޯރުއްވައިދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، އެ ގައުމުގެ ނޭޝަނަލް އޯޑާ އޮފް މެރިޓްގެ ލަގަބު، މުހައްމަދު އާސިފަށް ފަރަންސޭސިވިލާތުގެ ރައީސް މީގެކުރިން ވަނީ އަރުވާފައެވެ.