މިޑްފީޑަރެއްގެ މަގާމަށް ކުޅެން ބޭނުން ނުވާކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ އިންގްލެންޑް ފޯވާޑް ވޭން ރޫނީ ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މޮންޓެނީގްރޯއާ ދެކޮޅަށް ހުކުރު ދުވަހު އިންގްލެންޑް ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ރޫނީ ބުނީ އޭނާ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ދާން ބޭނުންވި އެންމެ ބޮޑު ސަބަބަކީ ރޮބިން ވެންޕާސީ އެޓީމަށް ގެނައުމާ ގުޅިގެން ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން އޭނާ ލައްވައި މިޑްފީލްޑަށް ކުޅުވަން ފެށުމުން ކަމަށެވެ.

"ކްލަބްގެ އެންމެނަށްވެސް އެނގޭނެ އަހަރެން ކުޅެން ބޭނުންވަނީ ކޮން މަގާމަކަށްކަން. އަހަރެން މާޔޫސްވާން ދިމާވި އެންމެ ބޮޑު ސަބަބަކީ އެއީ،" ރޫނީ ބުންޏެވެ. "އަހަރެން ކައިރީ ބުނީ މިޑްފީލްޑަށް ކުޅެން އެކަމަކު އަހަރެން ބޭނުމެއް ނުވޭ އެ މަގާމަށް ކުޅޭކަށް. އެހެން ކަމުން އަހަރެންނަށް ވިސްނުނީ އަހަރެންގެ ފުޓްބޯޅަ ކެރިއަރު ސަލާމަތްކުރަން ގޮތެއް ނިންމަން. އެހެންވެ ކުޑަކޮށް އަމިއްލަ އެދުން އިސްކުރެވުނީ."

ރޫނީ ބުނީ ކުރިން ކޮންމެ މަގާމަކަށް ކުޅެންވެސް އޭނާގެ މައްސަލައެއް ނެތް ކަމަށާއި އެހެން ނަމަވެސް ފަހުން އޭނާއަށް ގަބޫލުކުރެވުނީ ކުޅޭ އެއް މަގާމަކަށް ކުޅުން މުހިއްމު ކަމަށެވެ.

"މިޑްފީލްޑަށް ކުޅުނުއިރު އަހަންނަށް ހަމަ ރަނގަޅަށް ކުޅެވުނު. އެކަމަކު އެތަނަށް ކުޅެން އަހަރެން ބޭނުމެއް ނޫން. ކުރިން ކޮންމެ މަގާމަކަށް ކުޅެން ޖެހުނަސް އަހަރެންގެ ޝަކުވާއެއް ނޯވޭ. އެކަމަކު އަހަންނަށް އިހްސާސް ކުރެވުނީ އަހަރެން ކުޅެން ބޭނުންވާ މަގާމަށް ކުޅުމުގެ ހައްގު އަހަންނަށް އޮންނަން ޖެހޭނެކަމަށް،" ޔުނައިޓެޑްގެ ފޯވާޑް ބުންޏެވެ.

ނިމިދިޔަ ޓްރާންސްފާގައި ޗެލްސީއަށް ބަދަލުވުމަށް ރޫނީ މަސައްކަތް ކޮށްފައިވާއިރު އޭނާ ބުނީ އޭރު އެގޮތަށް ކަންތައް ކުރެވުނީ ކްލަބްގައި ހާލަތު ދިމާކުރިން ގޮތުން މާޔޫސްވެގެން ކަމަށެވެ. އެހެން ނަމަވެސް މިހާރު އާ ކޯޗު ޑޭވިޑް މޮއެސްއާއެކު އެ ކްލަބްގައި އޭނާ މަސައްކަތް ކުރަމުން ގެންދަނީ އުފަލުން ކަމަށްވެސް އޭނާ ބުންޏެވެ.

"ޑޭވިޑް މޮއެސް ޓީމާ ހަވާލުވުމަށް ފަހު މިހާރު ފޯވަޑަކަށް ކުޅުމުގެ ފުރުސަތު އަހަރެންނަށް އެބަދޭ. އަހަރެން ނުބުނަން މެޗުތެރޭގައި ޓީމަށް ގެންނަންޖެހޭ ބަދަލަކާއެކު 10 ނުވަތަ 15 ވަރަކަށް މިނިޓަށް މެދުތެރެއަށް ނުވަތަ ވާތްފަރާތުން ފަހަތަށް ޖެހިގެން ކުޅެން އެއީ މައްސަލައެއް ކަމަކަށް،" ރޫނީ ބުންޏެވެ.

މި ސީޒަންގައި ރޫނީ ކުޅުނު އެންމެ ފަހު ހަ މެޗުގައި ފަސް ލަނޑު ކާމިޔާބު ކޮށްފައިވާއިރު ރޫނީ ބުނީ، ކުރިއަށް އޮތްތަނުގައި ޓީމުން ބަދަލުވުމުގެ ވާހަކަދެއްކުމުގެ ބަދަލުގައި އޭނާ މަސައްކަތް ކުރާނީ އޭނާއަކީ މޮޅު ފޯވާޑެއްކަން އެހެން މީހުންނަށާއި ހާއްސަކޮށް އޭނާގެ އަމިއްލަ ނަފްސަށް ސާބިތުކޮށް ދިނުމަށް ކަމަށެވެ.