10 Oct 2013, 11:23
ހދ. ކުޅުދުއްފުށީގައި ވޯޓު ކަރުދާސް ޕްރިންޓު ކުރި މީހުންގެ ޝަރީއަތް ހައިކޯޓުގައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިފި އެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ ކުޅުދުއްފުށީ މާވިނަ، އަހްމަދު އާތިފާއި އެރަށު ބެނިސަން، އަހުމަދު އަބްދުއްރަހީމްގެ މައްޗަށެވެ.
ހައިކޯޓުގައި ވަނީ އެ ދެ މީހުންގެ ތެރެއިން އާތިފްގެ ޝަރީއަތް މިމަހުގެ ދެވަނަ ދުވަހު ފަށައިފަ އެވެ. ހައި ކޯޓުން މިއަދު ކަނޑައެޅީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން އެ މައްސަލަ ވެސް ފުރަތަމަ ހުށަހަޅަން ޖެހޭނީ ކްރިމިނަލް ކޯޓަށް ކަމަށެވެ.
އާތިފްގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވެފައި ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޭނުންކުރި ވޯޓުކަރުދާހާ އެއްގޮތަށް ނަމޫނާ ވޯޓު ކަރުދާސްތަކެއް އާތިފާއި އަހްމަދު އަބްދުއްރަހީމް ޕްރިންޓްކޮށް ލެމިނޭޓް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އާންމު އިންތިޚާބުތަކާ ބެހޭ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ ވޯޓު ކަރުދާސް ހުންނާނެގޮތް އިޝްތިހާރު ކުރުމުގެ ކުށުގެ ދައުވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.