ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމާވާ ބޭފުޅެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އެދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބުރާހީމް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ވައްޑޭ ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކަމަށާއި ދައުވާ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަން ކަމަށެވެ.

އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ނަޝީދުގެ ކެންޑިޑެންސީއާ މެދު އިލެކްޝަނުން އަމަލުކޮށްފައިވާ ގޮތުން ކަމަށާއި ގާނޫނު ލާޒިމްކުރާ ކަންތައް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިނުވާކަން އެނގޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވީ ނަޝީދާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދެކެވުމުން އަންނަ ކަމަށެވެ. އެގޮތުން އެ މަނިކުފާނަކީ ލާދީނީ މީހެއްކަމަށާއި ތަފާތު އެކި ގޮތްގޮތުން ގާނޫނު އަސާސީގެ މަގުސަދާއި ރޫހާއި ޚިލާފަށް މަސައްކަތް ކޮށްފައިވާ މީހެއްކަމަށް ރައްޔިތުންގެ މެދުގައި ވާހަކަ ދެކެވެމުން އަންނަ ކަމަށް ވައްޑޭ ވިދާޅުވި އެވެ.

http://sun.mv/albums/live_20580.jpg
އެމައްސަަލަ ސުމްރީމް ކޯޓަށް ހުށަހެޅުއްވުމަށް ފަހު މުހައްމަދު ވަހީދު އިބްރާހީމް މީޑިއާތަކަށް މައުލޫމާތުދެއްވަނީ -- ސަން ފޮޓޯ ފަޔާޒު މޫސާ

ނަޝީދާ މެދު ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދާ އިރު މިއީ ގާނޫނީގޮތުން ނިންމަން ޖެހިފައިވާ މައްސަލައެއް ކަމަށް ފެންނާތީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކަމަށް ވެސް ވައްޑޭ ވިދާޅުވި އެވެ.

ވައްޑޭ މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކިގޮތެއް ނިންމާފައި ނުވެ އެވެ.