10 Oct 2013, 10:30
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމާއި އިތުރު އަށް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ޝިފާގެ އިތުރުން ދައުވާ ކުރަން ފޮނުވާފައި ވަނީ މ.ނޫރު އަސުރުމާގޭ ޚަދީޖާ މުހައްމަދު، 50، އާއި ޅ. ހިންނަވަރު ދޭލިޔާއާގޭ މަރްޔަމް މުހައްމަދު،35، އާއި ގދ. ގައްދޫ ވިންސެންޓް މުހައްމަދު އަހްމަދު،26، އާއި މާލޭ ދަފްތަރު ނަމްބަރު2688 މުހައްމަދު އަބޫބަކުރު،53، އާއި އދ. މާމިގިލީ އިޓަލީ އުސާމަތު އަބްދުލްހައްނާނު، 28، އާއި ހއ. ކެލާ ނަރުގިސްވިލާ މުހައްމަދު ސިރުހާން،25، އާއި ހ.ރޯޒެންޑޭލް ޒުފްރަތު،44،ގެ އިތުރުން ނ. މާފަރު ޖޭމުގޭ ހަސަން އަލީ،39،ގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހުގެ ވަގުތެއްގައި ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ޝަރީއަތަށް ފާޑުކިޔައި ހުރަސް އެޅުމުގެ ގޮތުން އެސަރަހައްދަށް ގަދަކަމުން ވަނުމަށް ފަހު އެސަރަހައްދުގައި އަމަން ބަލަހައްޓަން ތިބި ފުލުހުން ފަހަތަށް ޖެހެން އެންގުމުން ވެސް ފަހަތަށް ނުޖެހި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ.