ހަތިޔާރުއެޅި ހަނގުރާމަވެރި ޖަމާއަތަކުން ލީބިއާގެ ޕްރައިމް މިނިސްޓަރު އަލީ ޒައިދާން ކިޑްނެޕްކޮށްފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ބީބީސީ އިން ބުނެފައި ވަނީ ބޮޑުވަޒީރު އަލީ ޒައިދާން ކިޑްނެޕް ކޮށްފައި ވަނީ، ވެރިރަށް ޓްރިޕޮލީގައި އޭނާގެ ދިރިއުޅުއްވާ ގެކޮޅުގައި އިންނަވަނިކޮށް ހަނގުރާމަވެރި ޖަމާއަތަކުން ކަމަށް އޭނާގެ މީޑިއާ އޮފިޝަލުންނާ ހަވާލާދީ ބީބީސީ އަށް ކަށަވަރުވެފައިވާ ކަމަށެވެ.

ލީބިޔާ ސަރުކާރުގެ ވެބްސައިޓްގައި ބުނެފައި ވަނީ، ބޮޑުވަޒީރު ޒައިދާން ރަހީނުކޮށްފައި ވަނީ ހަތިޔާރުއެޅި ހަނގުރާމަވެރި ޖަމާއަތެއްގެ މީހުން ކަމަށް ގަބޫލުކުރެވޭ ކަމަށާއި އަދި ރަހީނުކޮށްގެން ގެންދިޔަ ތަނަކާއި ރަހީނުކުރި ސަބަބެއް ވެސް ނޭނގޭ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ޒައިދާން ވަނީ އެގައުމުގައި އުޅޭ ހަނގުރާމަވެރިންގެ ކިބައިން ގައުމު ސަލާމަތްކޮށްދިނުމަށް އެހީތެރިވުމަށް ހުޅަނގުގެ ބާރުދަކަށް ގޮވާލާފަ އެވެ.

މީގެ ދެ އަހަރު ކުރިން ލީބިޔާގެ ޒައީމް ކާނަލް މުއައްމަރު ޣައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައި އިންގިލާބުގެ ފަހުން އެގައުމުގައި އަދި މިހާތަނަށް ހަމަޖެހުން ގާއިމު ކުރެވިފައެއް ނުވެ އެވެ.