މޯލްޑިވިސް ނެޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ)ގެ ތޭރަ ވަނަ އަހަރީ ކެޑޭޓް ކޭމްޕް ފަށައިފި އެވެ.  އެމްއެންސީސީގެ ޑެޕިއުޓީ ޑިރެކްޓާ މޭޖާ ހުސެން އިރްޝާމް މިއަދު ވިދާޅުވީ މި މަހު 25ގައި ފެށުނު ކޭމްޕްގައި އިންޑިއާ އާއި ސްރީލަންކާ އާއި ބަންގުލާޝާއި ސިންގަޕޫރުގެ ވަފުދުތަކެއް ބައިވެރިވާނެ ކަމަށެވެ.


ރާއްޖެ އިން ބޭރުން އަންނަ ވަފުދުތަކުން ކޮންމެ ވަފުދެއްގައި ހިމެނޭނީ އަންހެން ދެ ކުންދިންނާއި ފިރިހެން ދެ ކުދިންނާއި އޮފިސަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.  މާލެއާއި ގިރިފުށީގައި ކުރިއަށްދާ މި ކޭމްޕުގައި ދިވެހި ރާއްޖޭގެ އެކި ސަރަހައްދުތަކުން ހޮވާލެވިފައިވާ 123 ކެޑޭޓުން ބައިވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  


"މިހާތަނަށް ސިންގަޕޫރުފިޔަވައި އަނެއް ތިން ގައުމުގެ ކުދިން ރާއްޖެ އަށް އައިސްފައި އެތިބީ. ސިންގަޕޫރު ކުދިން މިރޭ އަންނާނެ. ބޭރު ކުދިންގެ ޕްރޮގުރާމްތައް ފެށޭނެ މާދަމާ." އިރްޝާމް ވިދާޅުވި އެވެ.


ރާއްޖެ އިން ބޭރުގެ ވަފުދުތަކުން މާލޭގެ ބައެއް ސަރަހައްދުތަކަށް ޒިޔާރަތް ކުރުމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރާއި ޑިފެންސް މިނިސްޓަރު އަދި ނައިބު ރައީސް އާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ރާއްޖެ އިން ބޭރުން އަންނަ 16 ކުދިންނާއި ހަތަރު އޮފިސަރުން ބޭތިއްބުމަށް ހަމަޖެހިފައި ވަނީ އާރަށުގައި އެވެ.


އަންނަ ޑިސެންބަރު މަހު ތިން ވަނަ ދުވަހު އިންޑިއާގެ ކެޑޭޓުންގެ އިސްވެރިއަކާއި އޭނާގެ އަނބިކަބަލުން ރާއްޖެ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންސީސީން ބުނެ އެވެ.


މި ކޭންޕް ނިންމާލުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހު ހަތްވަނަ ދުވަހު އެވެ.