އިސްލާމް އާބާދު (އޮކްޓޯބަރ 10): ޕާކިސްތާނަށް ދާޚިލީ ސުލްޙަ ގެނައުމަށް ޓަކައި ޕާކިސްތާން ސަރުކާރާ ވާހަކަ ދައްކަން ތައްޔާރަށް އޮތްކަމަށާ ނަމަވެސް ސަރުކާރުގެ ފަރާތުން އެކަމާ ބެހޭ އެއްވެސް ހުށަހެޅުމެއް އަދި ހުށަނާޅާ ކަމަށް އެގައުމުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތުން ބުނެފި އެވެ.

ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ގަބީލާ ސަރަހައްދުގައިވާ ސިއްރު ތަނެއްގައި ބީބީސީގެ މުރާސިލަށް ދެއްވި ބަސްދީގަތުމެއްގައި އެ ޖަމާއަތުގެ ޒުވާން ޒައީމް ޙަކީމުﷲ މަހްސޫދު ވިދާޅުވީ ޕާކިސްތާނަށް ދާޚިލީ ސުލްޙައާއި ހަމަޖެހުން ގެނައުމަށް އެޖަމާއަތުން ވެސް ބޭނުންވަކަމަށާއި އެކަމަށް ޓަކައި މިހާރުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފުގެ ސަރުކާރާ ސީރިޔަސްކޮށް ވާހަކަ ދައްކަން ތައްޔާރަށް އޮތްކަމުގަ އެވެ.

"ނަވާޒް ޝަރީފުގެ ސަރުކާރުން އަހަރެމެންނާ އެކު ސުލްހައިގެ މޭޒުދޮށުގައި އިށީނުމަށް ނިންމައި އެކަން ހުށަހަޅައިފި ނަމަ އެކަމަށް އަހަރެމެން އިޖާބަ ދޭނަން". ބީބީސީގެ މުރާސިލު އަހްމަދު ވާލީ އަށް ދެއްވި ބަސްދީގަތުމުގައި ޙަކީމުﷲ މަހްސޫދު ވިދާޅުވި އެވެ. ސުލްހައިގެ މޭޒުދޮށުގައި އިށީނުމަށް ނިންމައި އެކަން ހުށަހަޅައިފި ނަމަ ސުލްޙައަށް ޓަކައި ތާލިބާނުން ހުށަހަޅަން ޖެހޭ ޝަރުތުތައް ހުށަހަޅާނެ ކަމަށާއި ނަމަވެސް އެ ޝަރުތުތައް މީޑިޔާ އަށް ހާމަކުރެވެން ނެތް ކަމަށް ތާލިބާނުންގެ ޒައީމް ވިދާޅުވި އެވެ.

މިދިޔަ މޭމަހު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް ނަވާޒް ޝަރީފު އިންތިޚާބުވެ ވަޑައިގަތުމަށް ފަހު އޭނާ ވަނީ ޕާކިސްތާނަށް ދާޚިލީ ހަމަޖެހުމާއި ސުލްޙަ ގެނައުމަށް ޓަކައި ތާލިބާނުންނާ ސުލްޙައިގެ ވާހަކަތައް ފަށަން ގަސްދުކުރައްވާކަން ހާމަކުރައްވާފަ އެވެ. ނަމަވެސް މިކަން ކުރުމަށް ތާރީޚެއް ކަނޑައަޅުއްވާފައެއް ނުވެ އެވެ. އަދި އިންތިޚާބުގެ ކޭންޕޭންގައި ވެސް ތާލިބާނުންނާ ސުލްޙައިގެ ވާހަކަތައް ދައްކައިގެން ޕާކިސްތާނަށް ހަމަޖެހުން ގެނައުމަށާއި އެމެރިކާ، ޕާކިސްތާނުގެ ގަބީލާ ސަރަހައްދުތަކަށް ދެމުންގެންދާ ވައިގެ ޙަމަލާތައް ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނަވާޒް ޝަރީފު ރައްޔިތުންނަށް ވައުދުވެ ވަޑައިގެންފައިވެ އެވެ.

ޕާކިސްތާނުގެ އާންމު އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ކާމިޔާބު ކުރައްވައިގެން ނަވާޒް ޝަރީފު ޕާކިސްތާނުގެ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު އެމެރިކާ ޕާކިސްތާނަށް ދެމުންގެންދާ ޙަމަލާތައް ވަރަށް ބޮޑުތަން މަދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕާކިސްތާނުގެ ގަބީލާ ސަރަހައްދުތަކަށް އެމެރިކާ ވައިގެ ޙަމަލާތައް ދެމުންގެންދަނީ ޕާކިސްތާނުގެ ސަރުކާރުތަކުގެ ރުހުން ލިބިގެން ކަމަށްތާލިބާނުން ކުރާ ތުހުމަތުތައް ތަކުރާރު ހަކީމުﷲ ވިދާޅުވި އެވެ. އަދި ސުލްޙައަށް ޓަކައި ޕާކިސްތާން ސަރުކާރާއި ތާލިބާން ޖަމާއަތާ ދެމެދު އިތުބާރު އުފައްދަންބޭނުން ނަމަ ސަރުކާރުން އެންމެ ފުރަތަމަ ވެސް ކުރަންވީ ކަމަކީ ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ގަބީލާ ސަރަހައްދުތަކަށް އެމެރިކާ ދޭ ވައިގެ ޙަމަލާތައް ހުއްޓުވުން ކަމަށާ ސަރުކާރުން ބޭނުންވާ ނަމަ އެމެރިކާގެ ޙަމަލާތައް ހުއްޓުވޭނެ ކަމަށް ވެސް ތާލިބާނުންގެ ޒައީމް ޙަކީމުﷲ މަހްސޫދު ވިދާޅުވި އެވެ.

ތާލިބާނުންނަކީ އެމީހުންގެ ސިޔާސީ މަޤްސަދްތައް ހާސިލްކުރުމަށްޓަކައި ބޮންގޮއްވުމާއި ތަންތަނަށް ޙަމަލާދިނުމާއި ކުށެއްނެތް މީހުން ގަސްދުގައި މެރުމުގެ ހަރުކަށި އަމަލުތައް ހިންގަމުން ގެންދާ ހައްދުފަހަނަޅާފައިވާ ޖަމާއަތެކެވެ. ނަމަވެސް ތާލިބާނުންނަކީ ޓެރަރިޒަމަށް އެހީތެރިވާ ޖަމާއަތެއް ކަމަށްބުނެ ޓެރަރިޒަމް ހުއްޓުވުމުގެ ނަމުގައި އެ ޖަމާއަތާ ދެކޮޅަށް ޕާކިސްތާނުގެ ގަބީލާ ސަރަހައްދުތަކަށް ހަމަލާދީ ކުށެއް ނެތް މީހުން ގަސްދުގައި މެރުމަށް އެމެރިކާ ހިންގަމުން ގެންދާ ހަރުކަށި އަމަލުތަކަކީ ވެސް ތާލިބާނުން ހިންގާ ފަދަ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ޤާނޫނީ ތަޖްރިބާކާރުންނާއި މުޙައްލިލުން ދެކެވަޑައިގަންނަވަ އެވެ.

ހަކީމުﷲ މަޙްސޫދުގެ ޒަޢާމަތުގެ ދަށުން ތާލިބާނުންގެ ހަތިޔާރުއެޅި 30 ޖަމާއަތެއް ޕާކިސްތާނުގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ބީބީސީ)