ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނުގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް މުހައްމަދު އާސިފް ސަންދިލާ އިއްޔެގެ ވަގުތެއްގައި މާލެ ވަޑައިގެންފި އެވެ.

ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ދަޢުވަތަކަށް އެޑްމިރަލް މުހައްމަދު އާސިފް ސަންދިލާ ރާއްޖެ އަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި ބައްދަލުކުރައްވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުހައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖެ އަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ޕާކިސްތާނުން ރާއްޖެ ޒިޔާރަތްކުރި ޕާކިސްތާން ސިފައިންގެ އިސް ކޮމާންޑަރަކަށް އޭރު ހުންނެވި އެޑްމިރަލް މުހައްމަދު އާސިފް އެވެ.

މުހައްމަދު އާސިފްގެ މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ އިން ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.