ރިޔާޟް (އޮކްޓޯބަރ 10): މި އަހަރުގެ ޙައްޖު މޫސުމުގައި ހައްޖުވެރިންގެ ސިއްހީ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެމުންގެދާ ކަމަށާ ހައްޖުވެރިންގެ ތެރޭގައި ނުރައްކާތެރި ބަލިމަޑުކަމާއި ރޯގާތައް ފެތުރެމުން ނުދާ ކަމަށް ސައޫދީ އަރަބިޔާގެ ސިއްޙަތާ ބެހޭ ވުޒާރާ އިން ހާމަކޮށްފި އެވެ.

އެވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސައޫދީ އަރަބިޔާ އިން ފެނިފައިވާ ކްރޯނާ ވައިރަސްގެ ނުރައްކާ ހައްޖުވެރިންނަށް ފޯރަފާނެކަމުގެ ބިރަކީ ސައޫދީ ސިއްހީ ދާއިރާތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމުގަ އެވެ. ނަމަވެސް ހައްޖުވެރިންގެ ސިއްހީ ރައްކާތެރި ކަމަށް އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާ އެކު ހައްޖުވެރިންގެ ތެރޭގައި މި ވައިރަސް ފެތުރެމުން ނުދާ ކަމަށް އެބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެބަޔާނުގައި ހައްޖުވެރިންގެ މެދުގައި ރޯގާތަކާއި ބަލިމަޑުކަން ފެތުރުނަ ނުދިނުމަށް ޓަކައި ކުރިޔަށް ގެންދާ ސިއްޙީ ޕްރޮގްރާމްތައް ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށާ މުގައްދަސް ބިންތަކުގައި ހައްޖުވެރިންނަށް ސިއްހީ ފަރުވާދިނުމަށް ޓަކައި އެތައް ސަތޭކަ މަރުކަޒަކާއި 5250 އެނދާ އެކު 25 ހޮސްޕިޓަލް ވެސް ގާއިމް ކޮށްފައިވާނެ ކަމަށް ސައޫދީ ސިއްޙަތާބެހޭ ދާއިރާތަކުން ބުނެ އެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޓަކައި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 1.2 މިލިޔަން މީހުން މާތްވެގެންވާ މައްކާގެ މުގައްދަސް ބިންތަކަށް ގޮސްފައިވާ ކަމަށް ސައޫދީ އަރަބިޔާގެ އިމްގްރޭޝަނާ ބެހޭ އިދާރާ އިން ބުނެފައިވެ އެވެ.(އަލްޖަޒީރާ)