10 Oct 2013, 09:23
އިންޑިޔާ ކަނޑުގައި އަތުރާލައިފާވާ މުތްތަކެއް ހެން ފެންނަ ކުޑަކުޑަ ދިވެހިރައްޖެ އަކީ ދުނިޔެ މަތީގެ ސުވަރުގޭގެ ނަމުން މަޝްހޫރުވެފައިވާ މަންޒިލެކެވެ. ދިވެހިންގެ އެންމެން ދިރިއުޅޭ ދިވެހިންގެ ރާއްޖޭ މިސްރާބު އަދު ޖަހާފައި ވަނީ އެންމެ ރަނގަޅު މަގަށްތޯ ކޮންމެ ދިއްވެއްސަކު އަދު އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހެ އެވެ.
ކާބަފައިން އަޅުގަނޑުމެންނަށް ދަސްކޮށްދިން ރިވެތި އާދަތަކާއި، އެންމެން އެކުގައި ގުޅިގެން އުޅުމުން އައި ރިވެތި އުސޫލްތައް އަދު ނެތި ހިނގަޖެއޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ސިޔާސީ އޮއިވަރުގެ ސަބަބުން އަޅުގަނޑުމެން ލަދުވެތިވާ ހިސާބަށް ޤައުމުގެ ކަންތައްތައް ދާތަން އެބަ ފެނެ އެވެ. ރައްޔިތުންނަށް ޚިދުމަތް ދޭން ޤާއިމްކޮށްފައިވާ މުއައްސަސާތަކުގެ ބާރު ކަނޑުވާލައި އެތަންތަނަށް ގެއްލުންދީ މާރާމާރީ ހިންގަންފަށައިފި އެވެ. އިންސާފު ހޯދާތަނަކީ މަގުމަތިކަމަށް ހަދަންފަށައިފި އެވެ. ދާދި ފަހުން އަޅުގަނޑުމެން ބަލައިގަތް ނިޒާމު ރާވާ އިންތިޒާމް ކުރުމުގައި ޤައުމާ މެދު ވިސްނުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް ވިސްނަން ފަށައިފި އެވެ. ތިމާ އަމިއްލައަށް ގަބޫލުކުރާ ކުރުން އެއީ އެންމެ މޮޅު ގޮތްކަމަށް އަމިއްލައަށް ނިންމައި، އަމިއްލަ ޕާޓީގެ މީހުން ބުނާ ބަހާއި ދޭ ނަސޭހަތަކީ އެއީ އެންމެ ރަނގަޅު އެންމެ ކަމުދާ ގޮތްކަމުގައި ގަބޫލުކުރަން ފަށައިފ އެވެ. ބައިގިނަ މީހުން ބައިމަދު މީހުންނަށް އިޙްތިރާމް ކުރުމުގެ ބަދަލުގައި ގަދަބާރުން "އާންދޮނގޭ" ކިޔައި ކަންތައްތައް ނިންމަންފަށައިފި އެވެ.
ރާއްޖޭގައި ގާއިމް ކޮށްފައިވާ ވެރިކަމުގެ ނިޒާމުގެ އަސްލު ކަމަށް އަޅުގަނޑުމެންގެ އަދީބް އަލްމަރުހޫމް އިބްރާހީމް ޝިހާބް ވިދާޅު ވަނީ ޖުމްހޫރީ ވެރިކަމެއްގެ ނިޒާމެވެ. އަދި އެ ނިޒާމްގެ އަސާސްއަކީ މަޝްވަރާގެ ރިވެތި އުސޫލު ކަމަށް އެމަނިކުފާނު ދެއްވި ތަގުރީރެއްގައި ވިދާޅުވެފައިވެ އެވެ.
"ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން މި ބިންމަތީގައި ހަލީފާއިން ކަމުގައި ލައްވައި އިންސާނުގެ ތެރެއިން ވަކި ބަޔަކަށް ވެރިކަމުގެ ބާރުތައް ދައްވާފައި ވަނީ އެމީހުންގެ ދިރިއުޅުމުގެ ކަންތައްތައް ވަކި ހަމަތަކަކުން އުސޫލުތަކެއްގެ މަތިން ކުރިއަށް ގެން ދިއުމަށް. އެ އުސޫލަކީ އަޅުގަނޑުމެން ދޭތެރެދޭތެރެއިން ކިޔާ "ވައަމްރުހުމް ޝޫރާ ބައިނަހުމް." އާދެ މަޝްވަރާގެ އުސޫލް. އާދެ އިންސާނީ ވެރިކަން ދުނިތޭގައި ހިނގަމުން މިދަނީ އަދި ދާން ޖެހޭނީ މަޝްވަރާގެ ރިވެތި އުސޫލުން. އޭގެ އެއް ސިފައެއް ޖުމްހޫރީއްޔަތޭ ކިޔައިގެން އަޅުގަނޑުމެން މިހާރު މި އުޅެނީ." 1987 ވަނަ އަހަރު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައއި ދިވެހި ގައުމާ މުހާތަބު ކުރައްވައި ދެއްވި ތަގުރީރެއްގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދަނީ މަޝްވަރާގެ އުސޫލުން ކަންތައްތައް ކުރަން ބޭނުންވާ ތަނެއް ނޫނެވެ. މުޅިން އެހެން ޢަމަލު ތަކެކެވެ. އެ ނޭދެވޭ ޢަމަލުތަކުގެ ސަބަބުން އަމާން ގައުމެއްގެ ގޮތުގައި ސިފަ ކުރަމުން އައި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އަވެއްޓެރިންގެ ކުރިމަތީގައި އިސްޖަންހަންޖެހިއްޖެ އެވެ. އަވެއްޓެރި ގައުމަކަށް ދިޔަސް ރައްޖޭގެ ސިޔާސީ ވެށީގެ ހަލަބޮލިކަމުގެ ވާހަކަ އާއި ދިވެހިން ދީނީގޮތުން ހައްދު ފަހަނަޅާފައިވާ ވާހަކަ ބުނެފައި ދުރަށްދާ މީހުން އިތުރުވެއްޖެ އެވެ.
ވާނީވެސް އެހެންނެވެ. އެމީހަކަށް ކުރެވުނު ކަމެއް ކުރަމުން ދަނީ އެވެ. ކޮންމެ މީހަކު ވެސް އަދި ކޮންމެ ބަޔަކު ވެސް ބޭބުން ވަނީ ތިމާއަކީ ނުވަތަ ތިމާ މެންނަކީ އެންމެ ބާރުގަދަ ބައެއް ކަމަށް ދައްކާށެވެ. އެކަމަށްޓަކައި ހެދުނު އެއްޗެއް ހަދަނީ އެވެ. އުޅެވުނު ގޮތަކަށް އުޅެމުންދަނީ އެވެ. ހަމަ އެންމެ ބޭނުމަކަށްޓަކަ އެވެ. ވެރިކަމުގެ ޝާނާއި ޝައުކަތަށްޓަކަ އެވެ.
އިބްރާހީމް ޝިހާބް ވިދާޅުވެފައިވާ ގޮތުގައި ވެރިކަމުގެ ހަގީގީ ބާރުވެރިންނަކީ ރައްޔިތުންނެވެ. އަދި ރައްޔިތުންގެ އެ މީހުންގެ ފުރިހަމަ އިހްތިޔާރާއި ބާރުގައި އަދި އެ މީހުންގެ މަޝްވަރާގެ މަތިން އެ މީހުންގެ މުސްއޫލީއްޔަތު މީހަކާއި ހަވާލު ކުރަނީ ކަމަށެވެ. އަދި އެ މީހަކު ވެރިކަމުގައި ހުންނަ ހުރުމަކީ ރަމްޒީ ކަމެއް ކަމަށާއި އެ މީހަކީ ރައްޔިތުންގެ މަޝްވަރާގެ މަތިން ކަން ކުރަން ހުންނަ މީހެއް ކަމަށެވެ. އަދި އެމަނިކުފާން ވިދާޅުވެފައި ވަނީ ރައްޔިތުން އެ ނިންމާ ނިންމުމަކީ ސެލްހަވެރިކަމާ އެކު ނިންމަން ޖެހޭ ނިންމުމެއް ކަމަށާއި އެކަމުގައި އެއްވެސް މަޖުބޫރު ކަމެއް ނުވަތަ ހަމަނުޖުހުމެއް އޮވޮގެން ނުވާނެ ކަމަށެވެ.
ހިތާމައާ އެކު ދަންނަވަން ޖެހެނީ މިހާރު މި ރާއްޖޭގައި ކަން ހިނގަމުންދަނީ އެގޮތަށް ނޫން ކަމަށެވެ. ކޮންމެ މީހަކު ވެސް ކޮންމެ ބަޔަކު ވެސް ދައްކަނީ ހަމަވާހަކަތަކެވެ. އަމަލީ ގޮތުން ގައުމުގެ ކަމެއްގައި ހަރަކާތްތެރިވާ މީހަކު ފެންނަނީ ވަރަށް މަދުފަހަރަކު އެވެ. ޤާނޫނުތައް ވެސް އެމީހަކު އެބަޔަކު ބޭނުން ގޮތަކަށް މާނަކުރަނީ އެވެ. އެމީހަކަށް ފަހި ގޮތަކަށް ނޫން ގޮތަކަށް ކޯޓުން ޚުކުމެއް ނުކޮށްފިޔާ އެއީ ރަނގަޅު ޚުކުމެއް ކަމަކަށް ގަބޫލެއް ނުކުރެ އެވެ. ނުބައިކުރަނީ އެ ޚުކުމެއް ކުރި ބަޔަކެވެ. އެ ޚުކުމަކަށް ތާއިދުކުރި ބަޔަކެވެ. ރައްޔިތުންނަށް ވިސްނައިދެނީ އެމީހުންނަކީ ބޭ އިންސާފުން ގާނޫނުން ބޭރުން ހުކުމްކޮށް ވަކިބަޔަކަށް މަންފާ ހޯދައިދޭން މަސައްކަތް ކުރާ ބައެއްގެ ގޮތުގަ އެވެ.
ދެން ފެނިގެން ދަނީ ތިމާ ނުވަތަ ތިމާމެން އެ ގަބޫލުކުރާ ހަމަ ރައްޔިތުންގެ ސިކުނޑިތަކަށް ވައްދައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދާ ތަނެވެ. އިންސާފު ހޯދުމުގެ ނަމުގައި ގާނޫނު އަސާސީ އަތްމައްޗަށް ލައިގެން ގައުމާއި ދީނުގެ ނަމުގައި ދެން ނުކުންނަނީ މަގުމައްޗަށެވެ. އިންސާފު ހޯދަން ކަމަށް ބުނެ އެވެ. ކަނޑާލަނީ މަގުމަތީގެ ހުރުމަތެވެ. އަޑު ގަދަކުރަމުން ގޮވުނުހާ އެއްޗެއް ގޮވަމުން މަގުމަތީ އުޅެމުން ދާއިރު އެހެން މީހުންނަށް އެކަމުން ލިބޭނެ ގެއްލުންތަކަކާ މެދު ނުވިސްނައި މަގު މަތީގައި ހިނގާ ބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗެހީގައި އުޅޭ މީހުންނާއި ގޭ ބީސީތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި ބަލި މީހުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކާއި ނިދައިފައިތިބޭ މީހުންގެ ޙައްގުތަކާ މެދު އެއްވެސް ވަރަކަށް ވިސްނާލަން ބޭނުމެއް ވެސް ނުވެ އެވެ. ލެވުނުހާ ހަޅޭކެއް، ގޮވުނުހާ އެއްޗެއް ގޮވަމުން ގެންދަނީ މައުސޫމް ފަރާތްތަކެއްގެ ހައްގުތައް ނިގުޅައިގަންނަމުންނެވެ.
އުފެދޭ ރުޅިވެރިކަމުގެ ސަބަބުން އެ ރުޅިވެރިކަން ޒާތީ ހަސަދަވެރިކަމަށް ބަދަލުވެ އެމީހަކާ ދިމާލަށް ގޮވުނުހާއެއްޗެއް ގޮވާ އެހެން މީހުންގެ ތެރޭގައި އެމީހަކު ފަޟީހަތްކޮށްލުމަށް ފަހު އެވަރުން ނުވެގެން އެމީހެއްގެ ތަކެއްޗަށް ގެއްލުންދީ ނަފްސަށް ގެންލުންދޭ ހިސާބަށް ކަންތައް މިއޮތީ ގޮސްފަ އެވެ.
އަޅުގަނޑުމެންގެ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ވާޖިބުތަކެއް އެބައޮތެވެ. ތިމާ ހައްގުތަކުގެ ވާހަކަ ދައްކާއިރު ތިމާގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކުގެ މަތިން ވެސް ހަނދާން ކުރަންޖެހެ އެވެ. ތިމާގެ ހައްގު ހޯދަން ނިކުތުމަކީ އަނެކާގެ ހައްގު ނިމޭ ހިސާބަށް ވެގެން ނުވާނެ އެވެ.
އިބްރާހީމް ޝީހާބް ވިދާޅުވާ ގޮތުގައި އުއްމަތެއް ނުވަތަ ގައުމެއް ދެމިއޮތޮމުގެ އަދި އެ އުއްމަތެއް ތަރައްގީވެ ކުރިއަރައިގެން ދާނީ އެ އުއްމަތެއްގެ އަފްރާދުންގެ އަހުލާގެ މަތިން ކަމަށެވެ. ހަމަ އެހެންމެ މަތިވެރި އަހުލާގެއް އެ ބައެއްގެ ތެރޭގައި ނެތް ނަމަ އެ އުއްމަތެއް ނުވަތަ އެ ގައުމެއް ދެމި އެއް ނޮއޮންނާނެ ކަމަށް ވެސް ޝިހާބް ވިދާޅުވެފައިވެ އެވެ.
ކޮންމެއަކަސް މިހުރިހާ ކަމެއްވެސް، ހުރިހާ ވާހަކައެއް ވެސް ދައްކަމުން ކުރަމުން ގެންދަނީ އަދި ކުރާން ތިބީ ހަމަ އަޅުގަނޑުމެން ދިވެހިން އަމިއްލައަށެވެ. ކުޑަކުޑަ ވަގުތީ ފައިދާއަކަށް ޓަކަ އެވެ. ހަމަގައިމު ވެސް މިއީ އަޅުގަނޑުމެންގެ ގައުމު އެދޭ ގޮތެއް ނޫނެވެ. ގައުމުގެ ހާލުގެ ދުލުން ގޮވާ ގޮވުމެއް ވެސް ނޫނެވެ. ގައުމުގެ ހާލުގެ ދުލުން އެދި ގޮވަނީ ތިމާމެންގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރުމަށެވެ. އެހެން ނޫނީއްޔާ ގައުމުގެ ފަސާދަވެ ނެތިގެން ހިނގައިދާނެ އެވެ.