09 Oct 2013, 22:09
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ގެ ކަމަށްވާ މ. ގުލްހަޒާރުގޭގެ އިމާރާތް ނުތެޅުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ސިވިލް ކޯޓުން އެ އަމުރުކޮށްފައި ވަނީ ރީކޯ މޫސާ މަނިކުގެ މައްޗަށާއި މ. ގުލްހަޒާރުގޭ އިބްރާހީމް ރާމިޒުގެ މައްޗަށެވެ.
ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެފައި ވަނީ މ. ގޯލްޑަންބޯންސް އަލީ ރިޔާޒުއާ އަލްމަރުހޫމް އިބްރާހީމް ރާމިޒުއާ މެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ގުލްހަޒާރުގޭގެ ތިރީ ބައިގައިވާ ފަސް ކޮޓަރި ކުއްޔަށް ހިފައި، ތަން ބޭނުން ކުރަމުން ދަނިކޮށް ކުލީގެ އެގްރިމެންޓާ ޚިލާފުވެ، ކުއްޔަށް ދީފައިވާ އިމާރާތް ތަޅަމުން ދާތީ އަލީ ރިޔާޒުގެ ފަރާތުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެ މައްސަލައިގައި މައުޟޫއީގޮތެއްގައި އެ ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ގުލްހަޒާރުގޭގެ އިމާރާތް ތެޅުމާއި ރޫޅުމުގެ މަސައްކަތް ނުކުރުމަށް ރީކޯ މޫސާ މަނިކާއި އަލްމަރުހޫމް އިބްރާހީމް ރާމިޒުގެ ވާރިސުންނަށް އަންގައި އަމުރު ކުރާ ކަމަށެވެ.