ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ ގާބިލްކަން އިލެކްޝަންސް ކޮމިޝަންގައި އެބަހުރި ކަމަށާއި އެކަން ކުރުމުގައި އެކޮމިޝަނަށް ޔޫރަޕުގެ އިއްތިހާދު (އީޔޫ)ގެ އިތުބާރު އޮންނާނެ ކަމަށް އީޔޫ އިން ބުނެފި އެވެ.

އީޔޫ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ހައި ރެޕްރެޒެންޓޭޓިވް ކެތުރީން އޭޝްޓަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު، ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާކަން ފާހަގަކުރާ ކަމަށެވެ. އަދި މިކަން ސުޕްރީމް ކޯޓުން ކޮށްފައި ވަނީ އެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ރާއްޖޭގެ އަދި ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ފާހަގަކޮށްފައިވަނިކޮށް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް އީޔޫގެ ބަޔާނުގައި ކެތުރިން ވަނީ ގޮވާލައްވާފަ އެވެ.

"ކަން މިހެން ހުރި އިރު، މިމަހުގެ 20 ވަނަ ދުވަހު (ބަޔާނުގައި އޮތް ގޮތް، އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް އިން ބުނެފައި ވަނީ 19 ވަނަ ދުވަހު) ބާއްވާ އިންތިހާބަކީ ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އިންތިހާބަކަށް ހެދުމަށް އަޅުގަނޑު ބާރުއަޅަން. އަދި ރާއްޖޭގެ މުސްތަގިއްލު މުއައްސަސާތަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދީ، ރައްޔިތުންގެ ނިންމުމަށް ހުރިހާ ފަރާތްތަކުން އިހްތިރާމްކުރުމަށް ގޮވާލަން. މިކަންކަން ޔަގީންކުރުމުގައި އީޔޫ އިން އިލްކެޝަންސް ކޮމިޝަނަށް އިތުބާރުކުރާ ވާހަކަ މިފުރުސަތުގައި ތަކުރާރުކުރަން،" އީޔޫގެ ބަޔާނުގައިވެ އެވެ.