09 Oct 2013, 21:29
ދިވެހިރާއްޖޭގައި ވީހާ ވެސް އަވަހަށް ސައްހަ އިންތިހާބެއް ބޭއްވުން މުހިއްމު ކަމަށް އިނގިރޭސި ހާރިޖިއްޔާ އިން ބުނެފި އެވެ.
އިނގިރޭސި ހާރިޖީ ވަޒީރު ވިލިއަމް ހޭގު ނެރުއްވަވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ އަދި ގައުމީ އޮބްޒާވަރުން މިނިވަން އަދި އިންސާފުވެރި އިންތިހާބެއްގެ ގޮތުގައި ސިފަކޮށްފައިވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ ކަން ފާހަގަކުރައްވާ ކަމަށެވެ.
އަދި އަލުން ރިޔާސީ އިންތިހާބު މިމަހުގެ 19 ވަނަ ދުވަހު ބާއްވާނެ ކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ އިރު، ރާއްޖޭގެ ގާނޫނު އަސާސީގައިވާ އުސޫލުތަކުގެ މަތިން ވީހާ ވެސް އަވަހަށް ޑެމޮކްރަޓިކް އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"އެއްވެސް އިތުރު ލަސްވުމެއް ނެތި، މިނިވަން، އިންސާފުވެރި އަދު ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިހާބެއް ބޭއްވުން ވަރަށް މުހިއްމު. ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން 11 ނޮވެމްބަރުގައި ރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ފޮރިން ސެކްރެޓަރީ ވިލިއަމް ހޭގުގެ ބަޔާނުގައިވެ އެވެ.
ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީ އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު ކުރި ހުކުމްގައި ސުޕްރީމް ކޯޓުން ބުނެފައި ވަނީ 5،000 އަށް ވުރެ ގިނަ ވޯޓު އޮޅުވާލާފައިވާ ކަން ސާބިތުވާތީވެ އިންތިހާބު ބާތިލްކޮށްފައިވާ ކަމަށެވެ.
އަދި އާ އިންތިހާބެއް ބާއްވާ، އާ ރައީސަކު ހުވާކުރެއްވުމުގެ ކަންތައްތައް ނޮވެމްބަރު 11 ވަނަ ދުވަހުގެ ފަހުން ކުރެވުނު ނަމަވެސް ގާނޫނީ ހުސްކަމެއް ނާންނާނެ ކަމަށާއި އާ ރައީސަކު ހުވާކުރެވެންދެން "ދިގު ނުވާ" މުއްދަތަކަށް މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް އެމަގާމުގައި މަޑުކުރެއްވޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ވިލިއަމް ހޭގުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގައި ހުޅުޖެހުމާއި، މީހުންނަށް ބިރު ދެއްކުން ފަދަ ކަންކަން އިތުރުވަމުންދާ ކަން ކަންބޮޑުވުމާ އެކު ފާހަގަކުރައްވާ ކަމަށެވެ.
އަދި 19 ވަނަ ދުވަހުގެ އިންތިހާބަކި އިންސާފުވެރި އިންތިހާބެއް ކަން ކަށަވަރުކުރަން ބޭނުންވާ މާހައުލު ގާއިމުކުރުމުގައި ހުރިހާ ފަރާތްތަކުން މަސައްކަތްކޮށްދިނުމަށް ވިލިއަމް ހޭގު ވަނީ ގޮވާލައްވާފަ އެވެ.