ދ. ހުޅުދެލީ ކައިރިން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް އެ އަތޮޅުގެ ފަސް ދޯންޏެއްވެގެން މިއަދު އަތުލައިގެންފި އެވެ.


ގާތްގަނޑަކަށް 40 ވަރަކަށް ފޯޓުގެ "ވަގު" މަސްބޯޓު އަތުލައިގަތުމުގައި އިސްކޮށް ހަރަކާތްތެރިވި ހުޅުދެލީ "އުންމީދު 2"ގެ ފަޅުވެރިޔެއް ކަމަށްވާ ހުސެން ސޮލާހު ބުނީ އެ މަސް ބޯޓު ފެނުނީ ހުޅުދެއްޔާ ގާތްގަނޑަކަށް މޭލެއްހާ ބޭރުން ކަމަށާއި އެ ބޯޓު އަތުލައިގަތީ ހުޅުދެލީ ދެ ދޯންޏެއްގެ އިތުރަށް އެ އަތޮޅު މީދޫ ތިން މަސްދޯނި ގުޅިގެން މިއަދު މެންދުރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. 


"އަޅުގަނޑުމެންނަށް [އެ ބޯޓް] ފެނުމުން އެ ސަރަހައްދުގައި އުޅުނު މަސް ދޯނިތަކަށް ގުޅީ. ގުޅައިގެން ހަތަރު ދޯނި އައިސް ކުރިމައްޗައް އެރީ. އަރައި ބައްދާލީ." ބޯޓުގެ ފަހަތުކޮޅުން ބެއްދި އުންމީދު ދޯނީގެ ސޮލާހު ބުންޏެވެ.


އޭނާ ބުނީ އަދި އެ ބޯޓަށް އެއްވެސް މީހަކު ނާރާ ކަމަށާއި ބޯޓުން ތިން މީހަކު ފެންނަކަމަށެވެ.


އެ ބޯޓަކީ ދައުއަޅައިގެން މަސްވެރިކަން ކުރާ ބޯޓަކާ ވަރަށްވަތަރު ބޯޓެއްކަމަށް ވެސް އޭނާ ބުންޏެވެ.


ފަސް ދޯނީގެ އެހީގައި މިހާރު އެ މަސްބޯޓު ހުޅުދެލީ ފަޅަށް ވައްދަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ. ބޯޓުގައި ތިބި މީހުން އެ ބޯޓު ހުޅުދެއްޔަށް ވެއްދުމުގައި އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.


އޭނާ ބުނީ އެ ބޯޓާ ބެހޭ މައުލޫމާތު މިހާރު ފުލުހުންނަށް ދީފައިވާ ކަމަށެވެ.