09 Oct 2013, 20:56
ޒަމާނީ ގިނަ ބަދަލުތަކަކާ އެކު ކަސްޓަމަރުންނަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި އެވެ.
ބީއެމްއެލްގެ މައި އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ މުވައްޒަފުން އުފެއްދި އާ ކޯޕަރޭޓިވް ވެބްސައިޓް ލޯންޗު ކޮށްދެއްވީ އެ ބޭންކުގެ މާކެޓިން ޑިރެކްޓަރު ރިފްއަތު މުހައްމަދެވެ.
ބީއެމްއެލް އިން ބުނީ މިއަދު އިގްތިތާހު ކުރި އާ ކޯޕަރޭޓް ވެބްސައިޓަކީ ކުރިން ބޭނުން ކުރަމުން އައި ވެބްސައިޓަށް ވުރެ އެތައް ގުނައެއް ފުރިހަމަ ވެބްސައިޓެއް ކަމަށެވެ. އެގޮތުން ބޭންކުގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ ގޮތަށް، ބޭންކްގެ ގިނަ މައުލާތު ހިދުމަތްތައް ލިބެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން ޕާސަނަލް ބޭންކިންނާއި ބިޒްނަސް ބޭންކިން އަދި ކޯޕަރޭޓް ބޭންކިންގެ ގިނަ މައުލޫމާތު ތަކެއް އެ ސައިޓުން ލިބެން ހުންނާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދިނެވެ.
ބީއެމްއެލް އިން މިއަދު އިފްތިތާހު ކުރި ވެބްސައިޓްގެ އެޑްރެހަކީ ކުރީގެ ވެސް އެޑްރެސް: ބޭންކް އޮފް މޯލްޑިވްސް ޑޮޓް ކަމް ޑޮޓް އެމްވީ އެވެ.