ކ. ތުލުސްދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކުޑަވިލިނގިލި ސަރަހައްދަށް ސްނޯލްކިންއަށް ގޮސްއުޅުނު އަންހެން ޓޫރިސްޓަކު މަރުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ތުލުސްދޫ ސިއްހީ މަރުކަޒުގެ އިސް އޮފިޝަލަކު ވިދާޅުވީ ހޮސްޕިޓަލަށް އެމީހާ އެ މަރުކަޒަށް ގެނެސްފައި ވަނީ މިއަދު ގާތްގަނޑަކަށް 3:00 ގައި ކަމަށާއި ގެނައިއިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށެވެ.

ބެލެވޭގޮތުގައި އޭނާ މަރުވެފައި ވަނީ ގެނބިގެން ކަމަށް ވެސް ތުލުސްދޫ ސިއްހީ މަރުކަޒުގެ އޮފިޝަލް ވިދާޅުވި އެވެ.

ތުލުސްދޫ ކައުންސިލުގެ ނާއިބް ރައީސް އިބްރާހީމް ޒިޔާދު ވިދާޅުވީ މައުލޫމާތު ލިބިފައިވާގޮތުގައި އެ އަންހެން މީހާ ސްނޯކްލިންއަށް ދިޔައީ އޭނާގެ ފިރިމީހާއާ އެކު ކަމަށެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ކޮރެއާގެ ޓޫރިސްޓެކެވެ.