ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ސ. ހުޅުދޫ ރީފްސައިޑު ޖާދުﷲ ޖަމީލުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ފަށައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ހދ. ހޮނޑައިދޫގައި ބަޔަކު ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ފަތިހު 4:30 ގައި ފުލުހުން އެރަށް ދިޔަ ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ފުލުހުން އެރަށަށް ގޮސް ރަށުތެރެ ބަލައި ފާސްކުރަމުން ދަނިކޮށް އެރަށު އުތުރު ފަރާތުގައި ބާއެއްގެ ގޮތަށް ހަދާފައިވާ ހަޓުކައިރިން ޖާދުﷲ ފެނުނުއިރު އޭނާ ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ފުލުހުންނަށް ތުހުމަތު ކުރެވިގެން ވަގުތުން އޭނާ ހައްޔަރު ކުރި ކަމަށެވެ.

ޖާދުﷲ ހައްޔަރު ކުރުމަށްފަހު އޭނާ އިން ދިމާލު ބަލައި ފާސްކުރި އިރު އެދިމާލު ބިންމަތިން ފެނުނު ބިޑީގައި 0.1763 ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އޭނާ އިން ދިމާލުގައި ހުރި ޖޯލިފަތި ކައިރިން ފެނުނު ބިޑިއެއްގައި 0.8266 ކެނަބިސް ހުރި ކަމަށާއި އަދި ހަމަ އެދިމާލު ޖޯލިފަތި ކައިރީ ބިންމަތިން ފެނުނު ތިން ބިޑީގައި ވެސް 1.9270 ގްރާމް ކެނަބިސް ހުރި ކަމަށް ތަހުލީލު ރިޕޯޓުން ދައްކާތީ އޭނާގެ މައްޗަށް އުފުލާ ދައުވާ އަކީ ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުލަތުން ދައުވާ އިއްވުމުން ގާޒީ ސައީދު އިބްރާހީމް ވަނީ އެބާވަތުގެ މައްސަލަތަކުގައި ކޯޓުން އަމަލުކުރާ ގޮތް ޖާދުﷲ އަށް އޮޅުންފިލުވައިދެއްވާފަ އެވެ.

ގާޒީ ވިދާޅުވީ ދައުވާ އަށް އިއުތިރާފުވެއްޖެނަމަ އެ މައްސަލަ ފޮނުވާނީ ޑްރަގް ކޯޓަށް ކަމަށާއި އޭގެފަހުން ނޭޝަނަލް ޑްރަގް އެޖެންސީން ހަދާ އިންޑިކޭޓިވް އެސެސްމެންޓުގައިވާގޮތުގެ މަތިން ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު އޭނާ ދޫކޮށްލާނެ ކަމަށެވެ.

ދައުވާ އަށް އިންކާރުކޮށްފިނަމަ ހެކީންގެ ހެކިބަހުން އެ ދައުވާ ޝަރީއަތަށް ސާބިތުވެއްޖެނަމަ ޖާދުﷲ 15 އަހަރަށް ޖަލަށް ލުމާ އެކު 25،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ޖާދުﷲގެ ވަކީލު ވިދާޅުވީ އެ ދައުވާއާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ފުރުސަތު ބޭނުންވާ ކަމަށެވެ.

ގާޒީ ސައީދު އިބްރާހީމް މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެ ދައުވާއާ މެދު އަމަލުކުރާނެ ގޮތެއް ޝަރީއަތަށް ކިޔައިދިނުމަށް ޖާދުﷲ އަށް ފުރުސަތު ދެއްވުމަށް ފަހު އެވެ.