ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލު ކުރުމާ ގުޅިގެން މި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް ޓަކައި ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ އިރު ޕީޕީއެމް އިން ބައެއް ބޮޑުވުންތައް ފާޅުކޮށްފި އެވެ.

މިއަދު ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ޝަރީފް (މުންދު) ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުން ވެސް އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް އެ ޕާޓީން ގަބޫލު ކުރާ ކަމަށެވެ.

"ފުރަތަމަ ބުރު އެ އޮތީ ބާތިލު ކުރައްވާފައި. އެހެންވީމާ ފުރަތަމަ ބުރާ ގުޅިގެން ރީ ރަޖިސްޓްރީ ކުރި އެންމެން އެ ގޮތަށް ބޭތިއްބެވުން ސުވާލު އުފެދޭ. އަދި އެ ގޮތަށް ބޭ ތިއްބިގެން ވާނެ ކަމަކަށް އަޅުގަނޑުމެންގެ ގާނޫނީ ޓީމަކުން ދެކިވަޑައިއެއް ނުގަންނަވާ،" މޮންދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ބުރުގައި އެންމެ ބޮޑު އޮޅުވާލުންތަކެއް އޮޅުވާލާފައި ވަނީ ވެސް ރީ ރަޖިސްޓްރީ ކުރުމުގެ ތެރެއިން ކަމަށާއި އެހެން ކަމުން އެ އޮޅުވާލުންތައް ހުރެދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އޭގެ އިތުރުން ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ މުއްދަތު ކުޑަ ކަމަށް ވެސް ޕީޕީއެމް ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެ މުއްދަތު އިތުރުކޮށް ދިނުމަށް ޕީޕީއެމް އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމާ އެކު އުފެދިފައިވާ ކަންބޮޑުވުންތަކަށް ގޮތެއް ނިންމާނީ ޕީޕީއެމްގެ ގާނޫނީ ޓީމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރީ ރަޖިސްޓްރީ ކުރާ ފަރާތްކަށް ފޯމް ފުރައިދީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ދިނުމުގެ މަސައްކަތް ޕީޕީއެމް އިން މިއަދު ވަނީ ފަށައިފަ އެވެ.