09 Oct 2013, 17:46
އާސެނަލް އަށް އެނބުރި ދާން ބޭނުންވާ ކަމަށް އެކްލަބުގެ ކުރީގެ ތަރި އަދި މިހާރު އަޔެކްސްގެ އެސިސްޓަންޓް ކޯޗް ޑެނިސް ބާކޭމްޕް ބުނެފި އެވެ.
އިންޓަމިލާނަށް ކުޅުމަށްފަހު 1995 ވަނަ އަހަރުން ފެށިގެން އެގާރަ އަހަރު އާސަނަލްގައި ހޭދަކުރި ބާކޭމްޕް ވަނީ އެކްލަބާ އެކު ތިން ޕްރެމިއާ ލީގާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. 2006 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުން ބާކޭމްޕް ރިޓަޔާކުރުމުގެ ކުރިން ފާހަގަކުރެވިފައި ވަނީ އާސެނަލްގެ ސަޕޯޓަރުންގެ ފޭވަރިޓަކަށެވެ.
"ޔޯހާން ކްރައިފް ބާސެލޯނާއާ މެދު ދެކޭގޮތަށް، އަހަރެން އާސެނަލްއާއި މެދު ދެކެނީ އެގޮތަށް. އާސަނަލްއަށް ކުޅުނު ދުވަސްވަރު އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިގެން. އެދުވަސްވަރު އެއްވެސް ގޯސް ދުވަހަކާއި އަހަރެންނާއި ކުރިމަތިވެފައެއް ނުވޭ. އާސެނަލްގެ ހަނދާންތައް ދުވަހަކުވެސް ނުފޮހެވޭނެ. ކޮންމެވެސް ދުވަހަކުން ކޯޗިންގް ދާއިރާގައި އާސެނަލްގައި މަސައްކަތްކުރަން ބޭނުން." ބާކޭމްޕް ބުންޏެވެ.
ކުރިއަށް އޮތް ތިން އަހަރު ނުވަތަ ފަސް އަހަރު ވެސް އަޔެކްސްގެ ކޯޗިންގް ސްޓާފެއްގެ ގޮތުގައި މަސައްކަތްކުރާ ތަން ފެނިދާނެ ކަމަށް ވިޔަސް ކުރިއަށް އޮތްތާ ވާނެގޮތް އަދި ނޭނގޭ ކަމަށް ވެސް ބާކޭމްޕް ބުނެފައި ވެއެވެ.
"އަހަރެން އަދި އެއްވެސް ގޮތެއް ނުނިންމަން. އަހަރެން އަޔެކްސް އިން ތިން އަހަރު ނުވަތަ ފަސް އަހަރު ވެސް ފެނިދާނެ. ނަމަވެސް އަދި ވާނެގޮތެއް ނޭނގޭ. އަހަރެންގެ ކޯޗިން ކެރިއަރު އެއްކޮށް އަޔެކްސްގައި ހުންނާކަށް ނުވިސްނަން. އަހަރެން ކޮންމެހެން ހެޑް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވާކަށް ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ ކޯޗިން ސްޓާފެއްގެ ގޮތުގައި ކުޅުންތެރިންނަށް އެހީތެރިވާން." ބާކޭމްޕް ބުންޏެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ބާކޭމްޕް ވަނީ އޭނާ ކުޅުނު ތިން ކްލަބް ކަމަށްވާ އަޔެކްސް އާއި، އިންޓަމިލާން އަދި އާސެނަލްގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން އަޔެކްސް އާއެކު ލީގް ތައްޓަކާއި، ޔޫއެފާ ކަޕް އަދި ޔޫރަޕިއަން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފައިވެ އެވެ. އިންޓަ މިލާންއާއެކު ޔޫއެފާ ކަޕް ކާމިޔާބުކުރި އިރު، އާސެނަލް އާއެކު ބާކޭމްޕް ވަނީ ތިން ޕްރެމިއާ ލީގާއި ހަތަރު އެފްއޭ ކަޕްގެ އިތުރުން ހަތަރު އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ.