ލިވަޕޫލްގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް އެކްލަބުގައި މަޑުކުރުމަށް ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް އެދުނުކަމުގައި ސުއަރޭޒް ބުނެފި އެވެ.

މިސީޒަން ފެށުމުގެ ކުރިން ލިވަޕޫލްއިން ދާން ސުއަރޭޒް ކެތްމަދުވެފައިވާކަން އޭރުގައި އޭނާ ދެއްކި ވާހަކަތަކުން އެނގިގެންދިޔަ އެވެ. އޭރު ޖެރާޑް ވެސް ވަނީ ސުއަރޭޒް ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަން ހާމަކޮށްފަ އެވެ.

"އަހަރެން ލިވަޕޫލްގައި ހުރޭތޯ ޖެރާޑް ދުއާކުރިކަމަށް ވެސް ވެދާނެ. އޭނާ އަބަދުވެސް އަހަރެންނާއި ވާހަކަ ދައްކަމުންދިޔަ. ލިވަޕޫލްގައި ޖެރާޑަކީ އަހަރެންނަށް ލެޖެންޑެއް. އަދި ވަރަށް މޮޅު ކުޅުންތެރިއެއް. ޖެރާޑްގެ ނަސޭހަތްތަކުގެ ސަބަބުން އަހަރެން މިކްލަބުގައި ހުރުމަށް އިތުރު ހިތްވަރެއް ލިބުނު. ޖެރާޑްގެ އިތުރުން ލިވަޕޫލްގެ ސަޕޯޓަރުންވެސް އަހަރެން ބެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރި." ސުއަރޭޒް ބުންޏެވެ.

މިދިޔަ އޭޕްރީލް މަހު ޗެލްސީގެ ބްރަނިސްލާވް އިވަނޮވިޗްގެ އަތުގައި ދަތްއެޅުމުގެ ސަބަބުން ދިހަ މެޗްގެ ސަސްޕެންޝަނަކަށް ފަހު، ޕްރެމިއާ ލީގުގައި ސުއަރޭޒް ކުޅުނު ދެމެޗުން އޭނާ ވަނީ ތިން ލަނޑު ކާމިޔާބުކޮށްފަ އެވެ. ސުއަރޭޒް މިހާރު ދަނޑުމަތީގައި ހުންނާނީ އިތުރަށް ހަމަޖެހިގެން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

"ފަހުން މިކުޅުނު މެޗުތަކުގައި އަހަރެން ހުރީ އިތުރަށް ހަމަޖެހިގެންކަމަށް ގަބޫލުކުރަން. އަހަރެން މިހާރު އިސްކަމެއް ދެނީ ޓީމަށް ފައިދާހުރި މޮޅު ކުޅުމެއް ދެއްކުމަށް. އަހަރެން ދެން ހުންނާނީ މިގޮތަށް ހަމަޖެހިގެން. ދަނޑުމަތީގައި ފެންނާތީ އިތުރަށް ހަމަޖެހިގެން ހުންނަ ތަން." ސުއަރޭޒް ބުންޏެވެ.

ސުއަރޭޒްގެ ފަރާތުން އާންމުގޮތެއްގައި ވެސް ކުޅިވަރުގެ ރޫހާއި ޚިލާފް މަންޒަރުތަކެއް ފެންނަމުންދެ އެވެ. އެ މަންޒަރުތަކުގެ އިތުރުން ވެސް އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެންނަކަން ފާހަގަކުރެވެ އެވެ. އަޔެކްސް އަށް ކުޅުނު ދުވަސްވަރާއި އުރުގުއޭ ގައުމީ ޓީމްގައި އޭނާ މޮޅު ކުޅުމެއް ދައްކާފައިވެ އެވެ.