09 Oct 2013, 17:29
މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ގިނައިން ފުރުސަތު ނުލިބޭނަމަ، އެހެން ކްލަބަކަށް ބަދަލުވާން ޖެހިދާނެ ކަމަށް އެކަލަބުގެ މެކްސިކޯ ފޯވާޑް ހާވިއާ ހެނާންޑޭޒް ބުނެފި އެވެ.
މިސީޒަނުގެ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ހެނާންޑޭޒް އަށް ޖާގަ ލިބިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ މިދިޔަ މަހު ވެސްޓްބްރޮމް އާއި ދެކޮޅަށް ކުޅެ 2-1 ލަނޑުން ޔުނައިޓެޑް ބަލިވި މެޗުގަ އެވެ. ނަމަވެސް އެމެޗުގައި ހެނާންޑޭޒް އަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
"ގިނަ މެޗުތަކަކުން ޖާގަ ހޯދަން އަހަރެން މަސައްކަތްކުރަން. އަހަރެން މި މަސައްކަތްކުރަނީ ޓީމްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަން. އަހަރެންނަށް އެނގޭ އަހަރެން ދަނޑުމަތީގައި ދައްކާ ކުޅުމުން އެ މަޤްސަދުތައް ޔުނައިޓެޑް ނުވަތަ އެހެން ކްލަބަކުން ވެސް ހާސިލްކުރެވިދާނެކަމަށް ގަބޫލުކުރަން. އަހަރެން އެކަން ކުރުމަށްޓަކައި ބޭނުންވަނީ ގިނަ މެޗުތަކެއް ކުޅެން. މި ކްލަބުން ޖާގަ ނުލިބޭނަމަ އެހެން ކްލަބަކަށް ބަދަލުވާން ވެސް ޖެހިދާނެ." ހެނާންޑޭޒް ބުންޏެވެ.
ޔުނައިޓެޑާއެކު ހެނާންޑޭޒް ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ހަތަރު އަހަރު އޮތްއިރު، އެ ހަތަރު އަހަރުގައި އެކްލަބާއެކު ހުރެވޭނެކަމަށް އުންމީދުކުރާ ކަމަށް ހެނާންޑޭޒް ބުނެފައިވެ އެވެ. ހެނާންޑޭޒް އިތުރަށް ބުނިގޮތުގައި، އޭނާގެ ކުރީގެ ކްލަބު ޗިވާސް އިން ވެސް އޭނާ ވަނީ އުނދަގޫ ދުވަސްތަކަކާ ކުރިމަތި ލާފަ އެވެ.
"ޗިވާސް އަށް ކުޅުން ދުވަސްވަރު ވެސް އަހަރެންނަށް އުނދަގޫ ދުވަސްތަކެއް އައި. އޭރު އަހަރެންނަށް އަހަރެންގެ ހަގީގީ ކުޅުން ނުދެއްކުނީމާ، ގިނަ މަސައްކަތްތަކެއް ކުރިން. އެންމެ ކުޑައިރުއްސުރެ އަހަރެންގެ ހުވަފެނަކީ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށްވުން." ހެނާންޑޭޒް ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ހެނާންޑޭޒް ސޮއިކުރީ 2010 ވަނަ އަހަރު އެވެ. ޔުނައިޓެޑްގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ހެނާންޑޭޒް ވަނީ އެކްލަބަށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯ އަށް މޮޅު ކުޅުމެއް ދައްކާ، ގައުމީ ޓީމާއެކު އޭނާ ވަނީ ކޮންކާކަފް ގޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.