ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީ ސަސްޕެންޑު ކުރިކުރުން ބާތިލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ޝަރީފް ސަސްޕެންޑު ކުރުމަށް ނިންމައި އޭނާ އަށް އަންގާފައިވާ އެންގުމަކީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނުގެ 38 ވަނަ މާއްދާގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި ޖޭއެސްސީން އަމަމަލުކުރަމުން އަންނަ އުސޫލުތަކާއި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް އަންގާފައިވާ އެންގުމެއް ކަމަށް ބަލާނެ ގާނޫނީ ބިނާއެއް ނެތް ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ޝަރީފް ސަސްޕެންޑުކޮށްފައި ވަނީ ޝަކުވާ ބެލުމަށް އައްޔަން ކުރެވިފައިވާ ފަނޑިޔާރުންގެ ކޮމެޓީއަކުން އެ ޝަކުވާ ބަލައި، އެކޮމެޓީން އޭނާއާ މެދު ފިޔަވަޅު އަޅަން ފެނިގެން ޖޭއެސްސީ އަށް ހުށަހެޅުމުން ނޫންކަމަށް ޝަރީފްގެ ފަރާތުން ޝަރީއަތުގައި ވިދާޅުވެފައިވާ ކަމަށެވެ.

ޝަރީފްގެ ފަރާތުން އެގޮތަށް ވިދާޅުވާއިރު ހުށަހެޅޭ ޝަކުވާ ތަހުގީގުކުރުމަށް ކޮމެޓީއެއް އެކުލަވާލުމަކީ ޖޭއެސްސީގެ މައްޗަށް ލާޒިމްކަމެއް ނޫންކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ޝަރީފްއާ މެދު ފިޔަވަޅު އަޅާފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ރ) ގެ ތަރައިގެ ބޭރުން ކަމަށް އޭނާގެ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތަށް ޝަރީފްގެ ފަރާތުން ފާހަގަކޮށްފައި ވަނީ އެ މާއްދާގެ ރޫހަކީ ރައްކާތެރިކަމާ އެކު ފިޔަވަޅު އެޅުމުގެ ގޮތުން އެކަށޭނަ ވަގުތެއްގައި ފިޔަވަޅު އެޅުން ކަމަށް ވާތީ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.
އެގޮތުން ޝަރީފްއާ މެދު ފިޔަވަޅު އަޅާފައި ވަނީ ހުށަހެޅިފައިވާ ޝަކުވާއާ ގުޅިގެން ޖޭއެސްސީއަށް އޭނާ ފުރަތަމަ ބަޔާން ދިނުމުގެ 11 މަސް ފަހުން ކަމަށް ޝަރީފުގެ ފަރާތުން ޝަރީއަތުގައި ވިދާޅުވެފައިވާ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ޝަރީފްގެ ފަރާތުން އެގޮތަށް ވިދާޅުވާއިރު އޭނާއާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާއާ ބެހޭގޮތުން އޭނާގެ ބަހެއް ހޯދުން ލަސްވެފައި ވަނީ، އެ ޝަކުވާއަށް ބަހެއް ބުނުމުގެ ފުރުސަތު ދެއްވުމުން ތަކުރާރުކޮށް އެ ފުރުސަތު ފަސްކުރަމުން ގޮސްފައިވުމުގެ ސަބަބުން ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.