ފުލިދޫ ކައުންސިލްގެ ރައީސް ބުޝްރީ މޫސާ އެރަށު މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހަކަށް ހުރަސްއެޅި މައްސަލައެއްގައި ދެ މަސް ދުވަހަށް ގޭބަންދު ކުރުމަށް ފުލިދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ފުލިދޫ ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބުޝްރީގެ މައްޗަށް ހުކުމް ކޮށްފައިވަނީ ފުލިދޫ ކައުންސިލްގެ މެމްބަރަކަށް މުސާރަ އާއި އިނާޔަތް ނުލިބޭ ކަމަށް ބުނެ، އެކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެރަށު ކައުންސިލްގެ ފަރާތުން ޖަވާބުދާރީވެވަޑައިގެންނަވާ ބޭފުޅެއްގެ ގޮތުގައި ވަޑައިގެން ގާޒީ ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވުމަށް ބުޝްރީ ސީދާ އިންކާރުކުރެއްވުމުން ކަމަށެވެ.

ފުލިދޫ ކޯޓުން ބުޝްރީ މޫސާގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ޝަރީއަތުގެ މަޖިލީހުގައި ޖަވާބު ދާރީވުމަށް ބުސްރީ މޫސާއަށް ދެތިން ފަހަރު އެންގުމުން ވެސް އެ ސުވާލުތަކަށް ޖަވާބުދާރީ ނުވާނެ ކަމަށް ސީދާ ބުނެފައިވާތީ އާއި ޝަރީއަތަށް ހުރަސްއަޅައި ކޯޓުގެ ހުރުމަތް ކަނޑާލައި މެޖިސްޓްރޭޓްގެ އަމުރާ ހިލާފުވެފައިވާތީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ 4 ވަނަ ނަމްބަރުގެ 2 އަދި 7 އާ ހިލާފުވެފައިވާތީ އެ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

އެ މާއްދާގައި ބަޔާންކޮށްފައިވަނީ ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރި ވުމަކީ ކުށެކެވެ. އަދި އެ ކުށުގެ އަދަބަކީ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ނުވަތަ 250ރ. އަށްވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ބުޝްރީއަކީ ފުލިދޫ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ އެމްޑީޕީގެ މެމްބަރެކެވެ.