28 Nov 2010, 10:20
ވިހާފައި ފޫޅުދަނޑިއާ އެކު ހުޅުމާލޭ ގޮނޑުދޮށަށް އެއްލާލައިފައިވާ އޮއްވައި ފެނުނު ތުއްތު އަންހެން ކުއްޖާ ބަލަހައްޓަން ބޭނުން ވެގެން ގިނަ ބައަކު އެދެމުން އަންނަ ކަމަށާއި އެހެންނަމަވެސް އެ ކުއްޖާ ހަވާލު ކުރާނެ ފަރާތެއް އަދި ނިންމާފައިނުވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ނަމަވެސް އެއީ ކިހާ އަދަދެއްގެ މީހުންނެއް ކަމެއް އެ މިނިސްޓްރީއަކުން ނުބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ ކުއްޖާ ފެނުނު ދުވަހުން ފެށިގެން ގިނަ ބަޔަކު އެ ކުއްޖާ ބަލަން ބޭނުންވެގެން ފުލުސް އޮފީހުގައި ވެސް އެދެމުން އަންނަ ކަމަށާއި ނަމަވެސް އައިޖީއެމްއެޗްގެ ނާސަރީގައި އޮތް ތުއްތު ކުއްޖާއާ ދޭތެރޭ އަދި ކަންތައް ކުރާނެ ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
ސަން އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ތުއްތު އަންހެން ކުއްޖާ ބޭނުން ވެގެން ހަމައެކަނި ފުލުހުސް އޮފީހުގައި 40 އަށް ވުރެ ގިނަ މީހުން ވަނީ އެދިފައިވެ އެވެ. އަދި ޖެންޑާ މިނިސްޓްރީގައި ވެސް ގިނަ ބަޔަކު އަންނަނީ އެ ކަމަށް އެދެމުންނެވެ.
ޖެންޑާ މިނިސްޓްރީގެ ނައިބު މާރިޔާ އަލީ މިއަދު ވިދާޅުވީ އެ ކުއްޖާ ހަވާލު ކުރާނެ ފަރާތެއް އަދި ނިންމާފައި ނުވި ނަމަވެސް އެ ކުއްޖާ ހަވާލު ކުރާނީ، އެ ކުއްޖާ ބެލުމަށް އެދި ހުށަހަޅާފައިވާ މީހުންގެ ކަންނަތައްތައް ބެލުމަށް ފަހު ކަމަށެވެ.
"ކޮންމެ ގޮތެއް ވިއަސް ޢާއިލާއެއްގެ ތެރޭގައި ކުއްޖަކު ބޮޑުވުމަކީ ވަރަށް މުހިންމު ކަމެއް. އެ ގޮތަށް ޢައިލާއަކުން ކުއްޖަކު ބޭނުން ވެގެން އެދިއްޖެ ނަމަ އެހެން ކުދިންނެކޭ ވެސް އެއްގޮތަށް އެ ކުއްޖާއާ ހަވާލުވާން ބޭނުންވާ ފަރާތެއްގެ އެސެސްމަންޓެއް [މިނެލުމެއް] އަޅުގަނޑުމެން ހަދާނަން" މާރިއާ ވިދާޅުވި އެވެ.
މާރިއާ ވިދާޅުވީ އެ ކުއްޖާއާ ހަވާލުވާން ބޭނުންވާ މީހެއްގެ ހުރިހާ ކަމަކަށް ބެލުމަށް ފަހު، އަދި ހަދާ އެސެސްމަންޓް ޕީޖީ އޮފީހަށް ހުށަހެޅުމަށް ފަހު، ޕީޖީ އޮފީހުން ކޯޓަށް ފޮނުވުމުން ކުއްޖާ ހަވާލު ކުރާ ފަރާތެއް ނިންމާނީ ކޯޓުން ކަމަށެވެ. އަދި ކޯޓުން އެކުއްޖާ އާއިލާއަކާ ހަވާލު ކުރުމުން ކުއްޖާ ބޭނުންވެގެން ދެން އެ ކުއްޖާގެ މަންމަ ދާންޖެހޭނީ ކޯޓަށް ކަމަށް ވެސް މާރިއާ ވިދާޅުވި އެވެ.
ހުޅުމާލޭން ފެނުނު ތުއްތު ކުއްޖާގެ މަންމަ ޢާއިލާއަކާ ހަވާލު ކުރުމުގެ ކުރިން އެ ދަރިފުޅު ބޭނުންވެގެން އައިސްފި ނަމަ ކަންތައް ކުރައްވާނީ ކިހިނެތްތޯ ދެންނެވުމުން މާރިއާ ވިދާޅުވީ އެހެންވެއްޖެ ނަމަ އެކުއްޖާގެ މަންމަގެ ގައިގައި ދަރިފުޅު ބެލުމުގެ ޝަރުތު ހަމަވޭތޯ ބަލައި ހެދުމަށް ފަހު ނޫނީ ހަވާލު ނުކުރާނެ ކަމަށެވެ.
"ކޮންމެ ގޮތެއްވިޔަސް ދަރިފުޅު ބެލުމަށް އެންމެ އަޢުލާކަން ބޮޑީ މަންމަ. އެފަދަ ހާލަތެއްގައި މަންމަ ދަރިފުޅު ބޭނުން ވެގެން އައިސްފި ނަމަ އެ މަންމަ އަށް ދަރިފުޅު ބެލޭނެތޯ ނުވަތަ ނޫންތޯ ބެލުމަށްފަހުގައި ނޫނީ ހަވާލެއް ނުކުރެވޭނެ،" މާރިއާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ގޮތަށް މަންމަ އާ ދަރިފުޅު ހަވާލު ކުރިއަސް، ހަ މަސް ވަންދެން ކުއްޖާގެ ކަންތައްތައް އެ މިނިސްޓްރީން ގަވައިދުން ބަލަމުން އަންނާނެ ކަމަށެވެ.
ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މިހާރު ވެސް އަންނަނީ ދެ އަހަރުން ދަށުގެ 14 ކުޑަ ކުއްޖަކު ސަރުކާރުން ބަލަހައްޓަމުންނެވެ.
މާރިއާ ވިދާޅުވީ ދަރިން ލިބިފައިނުވާ، ނުވަތަ އާއިލާއެއްގެ އަޅާލުން ލިބިފައިނުވާ، އެފަދަ ކުދިން ބޭނުންވާ ފަރާތްތަކަށް މީގެ ކުރިން ވެސް ކުދިން ހަވާލުކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު ތިބި ކުޑަ ކުދިން ވެސް ޢާއިލާއަކުން ބޭނުންވެއްޖެ ނަމަ ޝަރުތު ފުރިހަމަވާ ފަރާތްތަކާ އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތެއްގެ މަތީން ހަވާލު ކުރާނެ ކަމަށް ވެސް މާރިއާ ވިދާޅުވި އެވެ.
އެ ތުއްތު ކުއްޖާ ބުރާސްފަތި ދުވަހުގެ މެންދުރު ފެނިފައި ވަނީ ހުޅުމާލޭގައި ހުންނަ ވަތަނިއްޔާ އެންޓަނާއާ ދިމާ ގޮނޑުދޮށުންނެވެ. ފުލުހުން ބުނެފައި ވަނީ އެ ކުއްޖާގެ ފެނުނު އިރު ހަށިގަނޑުގެ ބޭރު ފުށުން އެއް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ފުލުހުން އަންނަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދީފައެއްނުވެ އެވެ.