ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭއާއެކު ވެފައިވާ އެއްބަސްވުމަށް ދެ އަހަރު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނާ ހަވާލާދީ ރިޕޯޓުތަށް ބުނެފި އެވެ.

ޔޫރޯ ސްޕޯޓްސްގައި ބުނެފައިވަނީ ޑެލް ބޮސްކޭއާ އެކު މުއްދަތު އިތުރު ކުރުމަށް ސޮއިކުރާނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެގައުމު ކޮލިފައި ވުމުން ކަމަށެވެ. މިހާރުވެސް ވޯލްޑް ކަޕް ކޮލިފައިން ޔުއެފާ ބައްރުގެ ގްރޫޕް އައިގެ އެއްވަނައިގައި 14 ޕޮއިންޓާއެކު ސްޕެއިން އޮތް އިރު އަންނަ ހޮނިހިރު ދުވަހު ބެލަރޫސްއާ ދެކޮޅަށް ކުޅޭ މެޗުން އަދި 16 ވަނަ ދުވަހު ޖޯޖިޔާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމުން ސްޕެއިންއަށް ބްރެޒިލް 2014 އިން ޖާގައެއް ކަށަވަރު ވާނެ އެވެ.

"ޑެލް ބޮސްކޭ އަކީ ސްޕެއިން ފުޓްބޯޅަ ތަރިކައިގެ ބައެއް. އަހަރެމެން އެހެން ކޯޗެއް ހޯދުމުގެ މަސައްކަތެއް ނުވެސް ކުރަން. ޑެލް ބޮސްކޭ އަހަރެމެންނާ އެކު މަސައްކަތް ކުރާނެ އޭނާ ބޭނުންހާ ދުވަހަކު،" ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ ޖޯޖް ޕެރޭޒް ބުންޏެވެ.

ސްޕެއިން ޓީމުގެ ކޯޗު ކަމުގައި 80 މެޗު ހަމަކޮށްގެން މިހާރުވެސް އެމަގާމުގައި އެންމެ ގިނަދުވަސް ހޭދަކޮށްފައިވާ ކޯޗަކީ ޑެލް ބޮސްކޭ އެވެ. އޭނާގެ ކުރިން އެ މަގާމުގައި އެންމެ ގިނަ މެޗު ހަމަ ކޮށްފައިވަނީ، ލަޑިސްލާއޯ ކުބަލާ 68 މެޗު އަދި މިގުއެލް މުނޯޒް 63 މެޗެވެ.

މިއަހަރުގެ އޭޕްރީލް މަހު ޑެލް ބޮސްކޭ ބުނެފައިވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އޭނާ އެމަގާމުން އިސްތިއުފާ ދޭނޭ ކަމަށެވެ. އެހެން ނަމަވެސް މިހާރު ރާގުވަނީ ބަދަލުވެފަ އެވެ.

"އަހަރެން ބޭނުން ފެޑެރޭޝަނުން ބޭނުންވާ ގޮތަކަށް މި މަގާމުގައި ދެމި ހުންނަން،" ޑެލް ބޮސްކޭ ބުންޏެވެ.

ސްޕެއިން ޓީމަށް އެންމެ ގިނަ ދުވަހު ކޯޗު ކަން ކޮށްދިން ކޯޗުގެ އިތުރުން ޑެލް ބޮސްކޭ ވަނީ އެންމެ ކާމިޔާބު ކޯޗުގެ ރެކޯޑުވެސް ގާއިމްކޮށްފަ އެވެ. އެގޮތުން އޭނާގެ ކޯޗު ކަމުގައި ސްޕެއިން ޓީމު ކުޅުނު 80 މެޗުގެ ތެރެއިން 65 މެޗުން މޮޅުވެފައިވާ އިރު 8 މެޗު ވަނީ އެއްވަރު ކޮށްފަ އެވެ. އަދި ބަލިވެފައި ވަނީ 7 މެޗުން ނެވެ. އަދި އޭނާގެ ކޯޗު ކަމުގައި ވޯލްޑް ކަޕް ކާމިޔާބުކޮށް ޔޫރަޕިއަން ޗެމްޕިއަންކަން ހޯދާފައިވާއިރު ސްޕެއިން އެ މުއްދަތުގެ ތެރޭގައި 197 ލަނޑު ކާމިޔާބު ކޮށްފައިވެ އެވެ. އިދި ކޮޅު ޓީމުތަކަށް އެ ޓީމުގެ ގޯލަށް ވައްދާލެވިފައި ވަނީ 53 ލަނޑެވެ.

ޑެލް ބޮސްކޭއަށް އިތުރު ދެ އަހަރު ސްޕެއިންގެ ކޯޗު ކަމުގައި ހޭދަކުރަން ފުރުސަތު ލިބިއްޖެ ނަމަ އޭގެ މާނައަކީ ފްރާންސްގައި 2016 ވަނަ އަހަރު ބާއްވާ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ސްޕެއިންގެ ކޯޗުގެ ގޮތުގައި ހުންނާނީ އޭނާ އެވެ.