ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން އަލުން އިންތިހާބު ބޭއްވުމަށް ބޭނުންވާ 30 މިލިއަން ރުފިޔާގެ ބަޖެޓް ދިނުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އިލެކްޝަންސް އިން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު މިއަދު ސަން އަށް ވިދާޅުވީ އިންތިހާބު ބޭއްވުމަށް ބޭނުން ވަނީ 30 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި އެ ބަޖެޓް ދިނުމަށް ސަރުކާރުން މިހާރު އެއްބަސްވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ބަހެއް އަދި ލިބޭގޮތް ނުވެފައިވާ އިރު މީގެ ކުރިން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން އަލުން އިންތިހާބު ބޭއްވުމަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށާއި ދެ ވަނަ ބުރަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު ކުރިން ވިދާޅުވެފައި ވަނީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ކުރި ހަރަދުތަކަށް ފައިސާ ދެވެން ނެތް ކަމަށެވެ.