އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 16.5 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ 16.5 ބިލިއަން ރުފިޔާ ކަމަށް ކެބިނެޓުން އިއްޔެ ފާސްކޮށްފައިވާ އިރު އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ 11 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން ބަޖެޓް ދަރަނި އަންނަ އަހަރު 5.5 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

ރައީސް އޮފީހުން ބުނީ އިއްޔެ ބޭއްވެވި ވަޒީރުގެ މަޖިލީހުގެ ޖަލްސާގައި، އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ތައްޔާރު ކުރުމުގައި މައިގަނޑު ގޮތެއްގައި ބެލީ ދައުލަތަށް ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުމުގެ މައްޗަށް ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި ކަމަށެވެ.

އެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ހިފެހެއްޓުމެއް ނެތި ފުޅާވަމުން ގޮސްފައިވާ ބަޖެޓް ޑެފިސިޓްގެ ސަބަބުން އެކްސްޓަނަލް އިން ބެލެންސް އާދަޔާ ޚިލާފަށް ފުޅާވެފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ، މިވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އިތުރުވެފައިވީ ނަމަވެސް، ދައުލަތުގެ ޚަރަދު ބޮޑުވެފައިވުމާ އެކު، އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް އަވަހަށް ހޯދުމުގެ މުހިންމު ކަމުގެ މައްޗަށް މެންބަރުން ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްދީފައި ވަނީ ސަރުކާރުން ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަދަލުގައި 15.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ސަބަބުން ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކެއްގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅު އަޅާފައިވެ އެވެ.

ފިނޭންސް މިނިސްޓަރު ދާދިފަހުން ވިދާޅުވީ މިއަހަރު ފާސްކުރި ބަޖެޓާ އެކު އާމްދަނީ ހޯދުމަށް ހުށަހެޅި ގިނަ ކަންތައްތައް ފާސްނުވުމުން ބަޖެޓް ދަރަނި ކުރިން ލަފާކުރި މިންވަރަށް ވުރެ ބޮޑުވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅަނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށް ފިނޭންސް އިން ބުނެފައިވެ އެވެ.