09 Oct 2013, 14:46
ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ޑޭޓާބޭސް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ސެކެރަޓަރީ ޖެނަރަލް އާސިމް އަބުއްދުއްސައްތާރު މިއަދު ވިދާޅުވީ ޑީއެންއާރް އިން އެ ޑިޕާޓްމެންޓްގެ ޑޭޓާބޭސް އެ ކޮމިޝަނާ ހަވާލު ކޮށްފައި ވަނީ މިއަދު ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު ޑީއެންއާރް އިން ވަނީ އެ ބޭފުޅުންގެ ޑޭޓާ ބެސް އަޅުގަނޑުމެންނާ މިއަދު ހަވާލުކޮށްފައި،" އާސިމް ވިދާޅުވި އެވެ.
އާސިމް އިތުރަށް ވިދާޅުވީ އެ ޑެޓާބޭސްގެ އެހީގައި ވޯޓާސް ލިސްޓް އެކުލަވާލުމުގެ މަސައްކަތް މިހާރު އެކޮމިޝަނުން ކުރަމުންދާ ކަމަށެވެ.
ވޯޓާސް ލިސްޓް އެކުލަވާލުމަށް އިލެކްޝަންސް ކޮމިޝަނުން ޑީއެންއާރް ޑޭޓާބެސް ބޭނުންކުރަނީ ސުޕުރީމް ކޯޓުން އެގޮތަށް އަންގާފައި ވުމުންނެވެ.
މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓް ލުމަށް ޓަކައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓު ލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުޅުވާލައިފި އެވެ.