09 Oct 2013, 14:33
ވެށިފަހި މާލެ ޕްރޮގްރާމްގެ ސީ ކެޓަގަރީގެ ފައިނަލް ލިސްޓު ނެރުން މަޑުޖައްސާލުމަށް އޭސީސީން އެންގުމަށް ފަހު، މިހާތަނަށް ތިން މަސް ވެފައިވާ އިރު މައްސަލަ ގޮސްފައިވާ ހިސާބެއް ނޭނގި ދިގުލައިގެން ދާތީ ހައުސިން މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ވެށިފަހިމާލެ ޕްރޮގްރާމްގެ ސީ ކެޓަގަރީގެ ވަގުތީ ލިސްޓް އިއުލާންކުރުމުން، ހުށަކުވާތައް ބަލައި ލިސްޓްގައި ހުރި މައްސަލަތައް ރަނގަޅު ކުރުމަށް ފަހު ފައިނަލް ލިސްޓް އިއުލާން ކުރުމަށް ތައްޔަރުވެފައި ވަނިކޮށް އޭސީސީން އަންގަންދެން ފައިނަލް ލިސްޓް އިއުލާން ނުކޮށް މަޑުޖައްސާލުމަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް އޭސީސީ އިން އެގޮތަށް އަންގާ ސިޓީ ފޮނުވިތާ ތިން މަސް ވެގެން ދިޔަ އިރު ވެސް އެ މައްސަލަ ގޮސްފައިވާ ހިސާބެއް އަދި އެ މައްސަލަތައް ނިންމާ ރިޕޯޓު އެ މިނިސްޓްރީ އަށް ފޮނުވާނެ ތާރީޚެއް ސިޓީ ފޮނުވައިގެން ވެސް ބައްދަލުކޮށްގެން ވެސް އެނގޭ ގޮތެއް ވެފައިނުވާ ކަމަށް ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
ހައުސިން މިނިސްޓްރީ އިން ބުނީ ވަކި ކަމެއް ވަކި ގޮތަކަށް ގެންގޮސްފައި ވަނީ ކީއްވެތޯ ސުވާލުކޮށް މައުލޫމާތު ހޯދާފައިނުވާ ކަމަށާއި އަދި އެކަމާ ގުޅިގެން މިނިސްޓްރީއާ މަޝްވަރާކޮށް ނުވަތަ ޚިޔާލުބަދަލުކޮށްފައި ވެސް ނުވާ ކަމަށެވެ.
"މި މިނިސްޓްރީން ދެކޭ ގޮތުގައި މިނިސްޓްރީ އާ މަޝްވަރާނުކުރައްވައި ރިޕޯޓު އެކުލަވާލެއްވުމަކީ އޭގެ ސަބަބުން އެތައް ބައެއްގެ ހައްގުތަކެއް ގެއްލިގެން ހިނގައިދާނެ ކަމެކެވެ." ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އެ މިނިސްޓްރީން ބުނީ ވެށިފަހި މާލެ އޮފީހުން އަމަލުކޮށްފައިވާ ގޮތުގެ ތަފްސީލު ހިމެނޭ ހަ ސޮފްހާގެ ސިޓީއެއް މި އަހަރުގެ އޯގަސްޓް 11 ވަނަ ދުވަހު އޭސީސީ އަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި ސީ ކެޓަގަރީގެ ފުލެޓް ލިބޭ ފަރާތްތަކާ ފުލެޓް ހަވާލު ކުރުން ލަސްވަމުން ދިއުމުގެ ސަބަބުން ދިމާވާ މައްސަލަތައް ބަޔާންކޮށް ސެޕްޓެމްބަރު ފަހެއްގައި ވެސް އެކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އަދި އެ ސިޓީގައި ތަހުގީގު ނިންމައި ރިޕޯޓު ފޮނުއްވޭނެ ތާރީޚެއް ދިނުމަށާއި އެކަމަ ގުޅިގެން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވައި ދިނުމަށް އެދިފައިވީ ނަމަވެސް މިހާތަނަށް އެސިޓީގެ ޖަވާބު ލިބިފައިނުވާ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ މިމަހުގެ އެއް ވަނަ ދުވަހު އޭސީސީގެ ތިން މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް މައްސަލަ ނިމޭނެ ދުވަހެއް އެނގިފައިނުވާ ކަމަށެވެ.
ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓްތަކުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނުމިފައިވާ އިރު، އެ ފުލެޓްތަކުގެ "ޑިފެކްޓް ލައިބިލިޓީ"ގެ މުއްދަތު މިއަހަރަށް ހަމަވާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި އެ މުއްދަތުގެ ކުރިން ފުލެޓްތަކަށް މީހުން ނުވެއްދިއްޖެ ނަމަ ފުލެޓްތަކުގެ މައްސަލަ ކޮންޓްރެކްޓަރު ލައްވާ ހައްލު ކުރުމުގެ ފުރުސަތު ގެއްލިގެން ދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހުމަކީ ކައިރި ކަމެއް ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ ފުލެޓްތައް ބޭނުންނުކޮށް ހުރުމުން ލިބޭ ގެއްލުމުގެ ޒިންމާ ނަގަންޖެހެނީ ސަރުކާރުން ކަމަށެވެ. އަދި ދިރާސީ އަހަރެއްގެ މެދުތެރެއިން ދަރިންގެ ސްކޫލް ބަދަލުކޮށް ހުޅުމާލެ އަށް ބަދަލުވުމަކީ ދަތިކަމެއް ކަމަށްވާ އިރު، ދިރާސި އަހަރު ފެށުމުގެ ކުރިން ފުލެޓްތައް ލިބުނު ފަރާތްތަކަށް ހުޅުމާލެ އަށް ބަދަލުވެވޭނެ ގޮތް ވުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެ މިނިސްޓްރީން އަދި ބުނީ އެ މައްސަލައިގައި އޭޖީގެ ލަފައެއް ވެސް އަރުވާފައިވާ ކަމަށެވެ. އެގޮތުން އޭޖީ ވިދާޅުވެފައި ވަނީ އޭސީސީން ފައިނަލް ލިސްޓް އިއުލާން ނުކުރުމަށް އަންގާފައިވީ ނަމަވެސް ފައިބަލް ލިސްޓް އިއުލާން ކުރެވިދާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ 300 އެއްހާ ފޯމު ބަލާ ތަހުގީގެއް ހިންގުމަށް ތިން މަސް ދުވަހަށް ވުރެ ގިނަ މުއްދަތެއް ހޭދަވުމަކީ އޭގެ ސަބަބުން ދައުލަތައް އަދި ބޯހިޔާވަހިކަމުގެ އުއްމީދުގައި ތިބި 300 އާއިލާ އަށް ގެއްލުން ވަމުންދާ ކަމަށެވެ.
އެހެންކަމުން އެކަން ވީހާ ވެސް އަވަހަށް ނިންމައި ދިނުމަކީ އެންމެ މަސްލަހަތު ބޮޑުގޮތް ކަމުގައި ދެކޭ ކަމަށް ހައުސިން މިނިސްޓްރީ ބުންޏެވެ.