މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓް ލުމަށް ޓަކައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓު ލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކެރެޓަރީ ޖެނަރަލް އާސިމް އަބުއްދުއްސައްތާރު މިއަދު ވިދާޅުވީ ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު އިރު އޮއްސި 6:00 އިން ފެށިގެން މިރޭ 12:00 އަށް ކަމަށެވެ. އަދި މާދަމާ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 12:00 އަށް ވެސް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އަލުގަނޑުމެން ރީ ރަޖިސްޓްރޭޝަން އަށް މި ދެނީ އެއް ދުވަސް. އެގޮތުން ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު އަޅުގަނޑުމެން މި ހުޅުވާލަނީ މިއަދު އިރު އޮއްސި 6:00 އިން މިރޭ 12:00 އަށް. އަދި މާދަމާ ހެނދުނު 9:00 އިން ރޭގަނޑު 12:00 އަށް،" އާސިމް ވިދާޅުވި އެވެ.

އާސިމް ވިދާޅުވީ ރީ ރަޖިސްޓްރޭޝަންގައި ހަމައެކަނި ރަޖިސްޓްރީ ކުރަން ޖެހޭނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓު ލުމަށް ބޭނުންވާ މީހުން އެކަނި ކަމަށެވެ. އަދި ރީ ރަޖިސްޓްރޭޝަނަށް މިފަހަރު ހުޅުވާލާ ފުރުސަތުގައި ރަޖިސްޓްރީ ނުކުރާ މީހުން ވޯޓްލާން ޖެހޭނީ ކުރިން ބާއްވަން އުޅުނު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓް ލުމަށް ރަޖިސްޓްރީކޮށްފައިވާ ތަނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރި ރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލި ކަމުގައިވީ ނަމަވެސް ލިސްޓުގައި ނަން އޮތްތޯ ނުވަތަ ނަމުގެ މައްސަލައެއް އުޅޭތޯ ބަލައި ޗެކްކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިފަހަރު ދެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ފަރާތަކުން ކޮމިޝަނަށް ޝަކުވާއެއް ހުށަހަޅައިފި ނަމަ ބަލައިގަންނާނެ ކަމަށް އާސިމް ވިދާޅުވި އެވެ.