އެއްވުންމަނާ ސަރަހައްދަކަށް އެއްވެ، ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ޝަރީއަތަށް ހުރަސްއެޅުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައާ ގުޅިގެން ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މާލޭ ދަފްތަރު 3699 އަހްމަދު ފާއިޒު،50،ގެ މައްޗަށެވެ.

ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި ސުޕްރީމް ކޯޓުގައި އޮތް ޝަރީއަތަށް ހުރަސް އެޅުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ފުލުހުން ބުނީ އެއްވުންމަނާ ސަރަހައްދުތަކަށް އެއްވުމަށް މީހުންނަށް ހިތްވަރުލިބޭ ގޮތަށް އަޑުގަދަކުރާ ބޭނުންކޮށްގެން އޭނާ ގޮވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.

އޭނާ އަކީ މާލޭގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށް ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ގަދަކަމުން ވަންނަން މަސައްކަތްކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ މައްސަލަތަކުގެ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.