ރާއްޖެ ޓީވީ ހިންގަމުން ގެންދިޔަ އިމާރާތުގައި އިއްޔެ ގްރޫޕަކުން ވަދެ ރޯކޮށްލި ހާދިސާގައި އަނިޔާވި މީހަކަށް އެމްއެންޑީއެފް މިލިޓަރީ ހޮސްޕިޓަލް "ސެނަހިޔާ"ގައި ފަރުވާދެމުންދާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ދެކެވެމުންދާ ވާހަކަތައް އެމްއެންޑީއެފުން ދޮގުކޮށްފި އެވެ.

އެމްއެންޑީއެފުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ހާދިސާއާ ގުޅިގެން ސެނަހިޔާގައި އެޑްމިޓްކޮށްގެން ފަރުވާދީފައި ވަނީ އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ހަރަކާތްތެރިވި ސިފައިންގެ ފަޔާމަނުންގެ ތެރެއިން އެކިވަރުގެ ޒަހަމްތައް ލިބުނު ތިން ފަޔާމަނުންނަށް ކަމަށެވެ.

މީގެތެރެއިން ދެ ސިފައިންގެ މީހަކަށް ފަރުވާދީފައި ވަނީ އަލިފާނުގެ ގަދަ ހޫނުގެ އަސަރު ވަރަށް ބޮޑަށް ކުރުމާ ގުޅިގެން ކަންފަތް ކައިރި ފިހިގެން ކަމަށާއި ތިން ވަނަ މީހާ އަށް ފަރުވާދީފައި ވަނީ އަލިފާނުގެ ގަދަހޫނާއި ދުމުގެ އަސަރުކޮށްގެން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން އަލިފާން ނިންވުމުގައި މަސައްކަތްކުރި އިތުރު ފަޔަރަމަނަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރުމާ އެކު ނޭވާލުމަށް އުނދަގޫވުމުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އޮކްސިޖަން ގުޅައިގެން ވެސް ފަރުވާދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ހަގީގަތާ ހިލާފު ދޮގު ހަބަރުތައް ފެތުރުމަކީ ފަރުދުންގެ މެދުގައި ޝައްކާއި ވަހުމް އުފައްދާ، މުޖުތަމައުގައި ފިތުނަ ފަސާދަ އާއި ބައިބައިވުން އުފެއްދުމަށްޓަކައި ކުރަމުންދާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ކަމަށް ދެކޭ ކަމަށާއި އެފަދަ ވާހަކަތައް ކަމުގެ ހަގީގަތް ބަލަންވާ ވަރަށް ނުބަލައި އެއްވެސް ފަރާތަކުން އާންމުންނާ ހަމައަށް ހާމަނުކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެ ޓީވީ ކުރިން ހިންގަމުން ގެންދިޔަ އިމާރާތް "ކުއީން އޮފް ދަ ނައިޓް"ގެ އިމާރާތުގައި ރޯކޮށްލައިފައި ވަނީ މޫނު ނިވާކޮށްގެން ތިބި ހަ މީހުންގެ ގްރޫޕަކުން އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން އިން މީހާ އަށް ހަމަލާދިނުމަށް ފަހު އެތަނުގެ ދޮރު ހަލާކޮށްލައިގެން ވަދެ އެވެ. ރާއްޖެ ޓީވީ ހިންގާ އިމާރާތަށް ވަދެ އެތަނުގައި ރޯކޮށްލާ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފޫޓޭޖް ރާއްޖެ ޓީވީން ހަމަ އެދުވަހު ވަނީ އާންމުކޮށްފަ އެވެ.