09 Oct 2013, 13:21
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ބާތިލު ކުރުމާ ގުޅިގެން އެމްޑީޕީ އާއި ޑީއާރްޕީ އިން ސުޕްރީމް ކޯޓަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ރޭ ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީ އިން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓިގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ރިޔާސީ އިންހާބާ ގުޅިގެން ޖުމްހޫރީ ޕާޓީ އިން ހުށަހަޅާފައިވާ މައްސަލަ އަށް ހުކުމް ކޮށްފައި ވަނި ނަޒާހަތްތެރި ކަން ގެއްލިފައިވާ ފަޑިޔާރުން ކަމަށެވެ.
"އެ ހުކުމް ކުރެއްވީ ނަޒާހަތްތެރިކަން ގެއްލިފައިވާ ފަޑިޔާރުން އިނގޭތޯ،" ޏާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ފަޑިޔާރުން އަމަލު ކުރައްވަން ޖެހޭނީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ކަމަށެވެ. އަދި އެފަދައިން އަމްލު ނުކުރައްވާ ފަޑިޔާރުންގެ މައްޗަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ހަމައެއާ އެކު އެ ޕާޓިގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިންތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ސުޕްރީމް ކޯޓަކީ ދިވެހި ރާއްޖޭގެ ޑިމޮކްރަސީ އަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި ޝަރުއީ ނިޒާމު ވަރަށް ބޮޑަށް އިސްލާހުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގެ ޑިމޮކްރަސީ އަށް އޮތް އެންމެ ބޮޑު ހުރަހަކީ ސުޕްރީމް ކޯޓު،" އިންތި ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑީއާރްޕީގެ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ
އާދަމް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމި ހުކުމްގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށާއި އެ ހުކުމަކީ ބަޔަކު އުފާ ކުރުމަށްޓަކައި ކޮށްފައިވާ ހުކުމެއް ކަމަށެވެ.